ކުޅިވަރު

ރާއްޖެއާ ވާދަކުރުމަށް ފަލަސްތީނު ޓީމު މާލެ އަތުވެއްޖެ


އޭޝިޔަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހުގެ ރޭ ދިވެހިރާއްޖެއާ ފަލަސްތީނު ބައްދަލުކުރާ މެޗް ކުޅުމަށްޓަކައި ފަލަސްތީނު ޓީމު މާލެ އަތުވެއްޖެއެވެ.

ތޭވީސް ކުޅުންތެރިންނާ އެގާރަ އޮފިޝަލުންނާއެކު މިއަދު ހަވީރު ފަލަސްތީނު ޓީމު މާލެ އައިސްފައިވާއިރު މި ޓީމު ތިބުމަށް ހަމަޖެހިފައިވަނީ ހޮޓެލް ޖެންގައެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ނުކުތުމުގެ ކުރިން ފަލަސްތީނު ޓީމު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެކުވެރިކަމުގެ މެޗެއްގައި ޔަމަންގެ މައްޗަށް އެއް ލަނޑު ސުން ލަނޑުން ކުރި ހޯދާ އިތުބާރު ބޮޑުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ޤައުމީ ޓީމުވެސް އަންނަނީ މި މެޗަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. 

ދިވެހި ރާއްޖެއާ ފަލަސްތީނު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2014ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައެވެ. އެ މުބާރާތް ފަލަސްތީނު ކާމިޔާބުކޮށްފައިވާއިރު އެ މުބާރާތުގައި ރާއްޖެއާ ފަލަސްތީނު ބައްދަލުކުރި މެޗް ނިމިފައިވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެފަހަރުގެ ސްކޮޑުގައި ހިމެނޭ ހަތަރު ކުޅުންތެރިއެއް ފިޔަވައި ދެން ތިބި ހުރިހާ ކުޅުންތެރިންނަކީ މިފަހަރު އަލަށް ޓީމާ ގުޅިފައިވާ ކުޅުންތެރިންކަން ފާޙަގަކޮށްލެވެއެވެ. 

ފަލަސްތީނު ޓީމާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި ޗިލީއަށް އުފަން ފަސް ކުޅުންތެރިޔަކާ، އިޒްރޭލާ ސްލޮވޭނިއާއަށް އުފަން ކުޅުންތެރިންވެސް ހިމެނެއެވެ. އަދި މީގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ އެ ޤައުމުތަކުގައި ކުޅެފައިވާ ކުޅުންތެރިންކަން ފާޙަގަކޮށްލެވެއެވެ.