ޚަބަރު

ވިލިމާލެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ވިލިމާލޭގައި ތިން ބުރިއަށް ހަދާފައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އަނދަމުން އެބަދެއެވެ. 

މި ހާދިސާ ހިނގާފައިވަނީ މިރޭ ދޭއްޖަހާ އެހާކަންހާއިރުކަމަށް މައުލޫމާތު ލިބިއެވެ. މި ހާދިސާއާއި ގުޅިގެން އެ ގޭގައި ތިބި އެންމެން ހުސްކޮށްފައިވާއިރު، ދަންމާނު ގެއާއި ޖެހިގެން ހުރި ގެ ތަކުންވެސް ވަނީ މީހުން ހުސްކޮށްފައެވެ. 

މަޢުލޫމާތު ލިބޭ ގޮތުގައި މި ގޭގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ، އެގޭގެ އެންމެ ތިރީ ފްލޯގައި އަލިފާން ރޯވެގެންނެވެ. މި ގެއަކީ ތިންބުރިއަށް ހަދާފައި ހުރި ގެއެކެވެ. 

ދަންމާނު ގޭގައި ހިފާފައިވާ އަލިފާން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު އާއި ފުލުހުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ. އަދި މިސަރަހައްދުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ބޭފުޅުންގެ އިތުރުން މޯލްޑިވިއަން ރެޑްކްރެސެންޓްގެ ބޭފުޅުންވެސް ގެންދަވަނީ ހަރަކާތްތެރިވަމުންނެވެ.