އިންފުލުއެންޒާ ރޯގާއަށް ޚާއްސަކޮށްގެން އައިޖީއެމް ހޮސްޕިޓަލުން ތާޖުއްދީން ސްކޫލްގައި ހުޅުވި ފުލޫ ކްލިނިކުން ޚިދުމަތް ދިނުން ހުއްޓާލައިފިއެވެ.
އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ، ތާޖުއްދީން ސްކޫލްގައި ހިންގަމުން ގެންދެވި ފުލޫ ކްލިނިކް ބަންދުކުރެއްވީ އެތަނަށް ދައްކަން އަންނަ މީހުންގެ އަދަދު މަދުވުމާ އެ ސްކޫލްގައި އާދިއްތަދުވަހު ކިޔެވުން ފެށްޓެވުމަށް ނިންމެވުމާ ގުޅިގެންކަމަށެވެ. ނަމަވެސް އައިޖީއެމްއެޗްގައި ޤާއިމްކޮށްފައިވާ ފުލޫ ކްލިނިކް އިން އާއްމުންނަށް ހިދުމަތްދެމުންގެންދާނެ ކަމަށް އެ ހޮސްޕިޓަލްއިން ވިދާޅުވެއެވެ.
މިހާރު ފެތުރެމުންދާ ހުމާއި ރޯގާއާއި ގުޅިގެން އެޗްޕީއޭއިން ނެރުއްވަމުން ގެންދަވާ ތަފާސް ހިސާބުތައް މިއަދު ނެރުއްވާފައެއް ނުވެއެވެ.
އެޗްޕީއޭ އިން އާއްމުކުރައްވަމުން ގެންދަވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހު އެކަނިވެސް އެއްހާސް ދުއިސައްތަ ތިރީސް ހަތަރު މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ. މީގެތެރެއިން ތޭވީސް މީހަކަށް ފަރުވާދެމުން ދަނީ އެޑްމިޓްކޮށްގެނެވެ. އެޗްޕީއޭއިން ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދިޔަ މީހުންގެ ތެރެއިން ތޭރަ މީހަކު ދޫކޮށްލާފައިވާކަމަށެވެ.
މި ރޯގާއާ ގުޅިގެން އަތޮޅުތެރެއިން އަށްސަތޭކަ ނުވަ މީހުން މިދިޔަ ބުދަދުވަހު ޑޮކްޓަރަށް ދައްކާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު ފަންސާސް އަށް މީހުން މަދު އަދަދެކެވެ. ބުދަ ދުވަހު މާލެއިން އެކަނި ހަތަރު ސަތޭކަ ހަތާވީސް މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ. މިއީ އޭގެ ކުރީ ދުވަހާ އަޅާ ބަލާއިރު ސާޅީސް ތިން މީހުން މަދު އަދަދެކެވެ.
މާލެ ސަރަޙައްދުން ރޯގާ ޖެހިގެން އެންމެ ގިނަޢަދަދަކަށް މީހުން ޑޮކްޓަރަށް ދައްކާފައިވަނީ އައިޖީއެމްއެޗަށެވެ. މިގޮތުން އައިޖީއެމްއެޗުން ފަރުވާ ހޯދި މީހުންގެ އަދަދު ދުއި ސައްތަ ސާޅިސް ދޭކަށް އަރައެވެ.