ކުޅިވަރު

ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ


އޭޝިއަން ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގައި ނޭޕާލް އަތުން ބަލިވެ ފައިނަލަށް ދިޔުމުގެ ފުރުސަތު ހަނިވެއްޖެއެވެ.

 މުބާރާތުގައި ދިވެހިރާއްޖެ ކުޅުނު ދެވަނަ މެޗުގައި ނޭޕާލް އަތުން ބަލިވީ ތިން ސެޓު އެއް ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓު 23-25 އިން ދިވެހިރާއްޖެއިން ކާމިޔާބުކުރި ނަމަވެސް ޖެހިގެން އައި ތިން ސެޓުވެސް ކާމިޔާބުކުރީ ނޭޕާލުންނެވެ. މެޗުގެ ދެވަނަ ސެޓާއި ތިންވަނަ ސެޓު ނިމިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމަކަށްފަހުއެވެ. އެއީ 26-28 އަދި 31-33 އިންނެވެ. މެޗުގެ ފަހު ސެޓް ނޭޕާލް ކާމިޔާބުކުރީ ނަ19-25 އިންނެވެ. މި މެޗުން ބަލިވުމާއިއެކު ފައިނަލަށް ދިޔުމުގެ އުއްމީދު ނޭޕާލުން މިވަނީ އައުކޮށްފައެވެ. އަދި ރާއްޖެއަށް މުބާރާތުގެ ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު މިވަނީ ގެއްލިފައެވެ. 

މެޗަށްފަހު ދިވެހި ޓީމްގެ ކޯޗް މުޙައްމަދު ޝަރަފް ބުނީ މި މެޗުގައި ޓީމަށް ދިމާވި މައްސަލައަކީ ފުރަތަމަ މެޗުގައިވެސް ދިމާވި މައްސަލަކަމަށާއި، ކޮންމެ ސެޓެއްވެސް ނިންމާލަން ލިބި އެކަން ކާމިޔާބުނުވަނީކަމަށެވެ. ޕްރެޝަރު ދަނޑިވަޅުތަކުގައި ކުޅުންތެރިން މާ ބޮޑަށް ތެޅިގަންނަނީކަމަށާއި، ޓީމްގެ ސީނިއަރ ކުޅުންތެރިންނަށް ޕްރެޝަރ ހޭންޑްލް ނުކުރެވުނީކަމަށް ޝަރަފް ބުންޏެވެ. އަދި އެކަން އެގޮތަށް ދިމާވުމުގައި އޭނާގެ ޒިންމާވެސް އެބައޮތްކަމަށް ޝަރަފް ފާހަގަކުރިއެވެ.

" މުހިންމު ދަނޑިވަޅުގައި ތަފާތު ދައްކާނެ ކަމަށް ބެލެވުނު ކުޅުންތެރިންނަށް ޕްރެޝަރ ހޭންޑްލް ނުކުރެވުނީ" ޝަރަފް ބުންޏެވެ.

މެޗަށްފަހު ނޭޕާލްގެ ކޯޗް ޖަގްދީޝް ޕްރަސާދް ބުނީ މެޗުން މޮޅުވީ ޓީމްގެ އެޓޭކް ރަނގަޅުވުމުންކަމަށާއި، ދިވެހިޓީމުން ވަރުގަދަ ވާދައެއްކުރިކަމަށެވެ. އެހެންނަމަވެސް ނޭޕާލުން ކުޅުނީ ދިވެހި ޓީމުން މެޗުގައި މިސްޓޭކްތަކެއް ހަދާނެކަން ދަނެގެންކަމަށާއި، ނަސީބު ރަނގަޅުކަމުން އެކަން އެގޮތަށް ދިމާވިކަމަށްވެސް ޖަގްދީޝްބުންޏެވެ.

3 ވަނަ އޭޝިއަން ސެންޓްރަލް ޒޯން ސީނިއަރ މެންސް ވޮލީބޯޅަ މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވާދަކުރާނީ ކިރްގިސްތާނާއި ތުރްކްމިނިސްތާންއެވެ.