ސިއްހަތު

ކުޅުދުއްފުށީ ހޮސްޕިޓަލް އިންޑިއާގެ ނިމްސް ހޮސްޕިޓަލާ ޙަވާލުކުރަނީ


ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީކޮށް ހިންގުމަށް، އިންޑިއާގެ ނިމްސް ހޮސްޕިޓަލާ ޙަވާލުކުރުމުގެ ތައްޔާރީތައް ސަރުކާރުން ކުރިއަށްގެންދަވާއިރު، މި ބަދަލު ވާނީ މީގެ ކުރިން ރާއްޖެއިން ބޭރުން ދިވެހިންގެ ގިނަބަޔަކު ހޯދަމުން އައި ޞިއްޙީ ޚީދުމަތްތަކެއް ރާއްޖެއިން ލިބުމުގެ މަގުފަހިވާ ކަމަކަށެވެ. ޚާއްޞަކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބޭ ބޮޑު ފަސޭހައަކަށެވެ. ނިމްސް ހޮސްޕިޓަލަކީ ދިވެހިންގެ ގިނަބަޔަކު ފަރުވާހޯދާ އިންޑިއާގެ ހޮސްޕިޓަލެކެވެ.

އިންޑިއާއަށް ބޭސްފަރުވާއަށްދާ ދިވެހިންގެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ އިންޑިއާގެ ނިމްސް ހޮސްޕިޓަލުން ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ތަރައްޤީކުރުމުގެ ވާހަކައަކީ، ގިނަ ބަޔަކު ޝައުޤުވެރިވާނެ ވާހަކައެކެވެ. މެދުކެނޑުމެއް ނެތި ޞިއްޚީ ޚިދުމަތުގައި 60 އަހަރުވެފައިވާ ނިމްސް ހޮސްޕިޓަލަކީ، 350 އެނދުގެ ސުޕަރ ސްޕެޝަލިޓީ ހޮސްޕިޓަލެކެވެ.

1961 ވަނަ އަހަރު ނިޒާމްސް ޗެރިޓަބްލް ހޮސްޕިޓަލުގެ ނަމުގައި ޚިދުމަތް ދޭން ފެށި މި ހޮސްޕިޓަލް ނިމްސް ހޮސްޕިޓަލް ނުވަތަ ނިޒާމްސް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިސެސްގެ ނަމަށް ބަދަލުކޮށްފައިވަނީ 1980 ވަނަ އަހަރުއެވެ.

ނިމްސް ހޮސްޕިޓަލަކީ، 20 ސުޕަރ ސްޕެޝަލިޓީ އަދި 20 ސްޕެޝަލިޓީއާއެކު ޖުމްލަ 40 ޑިޕާރޓްމެންޓުން ޚިދުމަތްދެމުން އަންނަ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގައި 200 އަށްވުރެ ގިނަ ސުޕަރ ސްޕެޝަލިސްޓުން މި ޑިޕާރޓްމެންޓްތަކުގައި ޚިދުމަތްކުރެއެވެ. ޕެރަމެޑިކް ސްޓާފުންނާއެކު 1،500 ނަރުހުން ހޮސްޕިޓަލުގައި 24 ގަޑިއިރު ޚިދުމަތުގައި އުޅެއެވެ.

ނިމްސް ހޮސްޕިޓަލުން ޚާއްޞަ ގޮތެއްގައި ދޭ ފަރުވާގެ ތެރޭގައި، ކާރޑިއޮލޮޖީއާ ކާރޑިއޮކް ސާރޖަރީ ނުވަތަ ހިތުބަލިތަކަށް ޚާއްޞަ ފަރުވާތަކާއި އޮޕަރޭޝަންތައް ކުރުމާއި ނާރުގެ ބަލިތަކުގެ ފަރުވާ، އެންޑޯކްރިނޮލޮޖީ، ކިޑްނީ ޓްރާންސްޕްލާންޓް، ހުޅު ބަދަލުކުރުން، ޕްލާސްޓިކް ސާރޖަރީފަދަ ޚިދުމަތްތައް ހިމެނެއެވެ. ހޮސްޕިޓަލުގައި ތަފާތު 7 އައިސީޔޫ ހުރެއެވެ. މީގެތެރޭގައި، ކްރޯނަރީ، ކާޑިއެކް، ޖެނެރަލް އައިސީޔޫ، އެންއައިސީޔޫ، ސާރޖިކަލް އަދި ނެފްރޮލޮޖީ ހިމެނެއެވެ.

އެހެންކަމުން މިފަދަ ހޮސްޕިޓަލަކުން ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީކޮށް ހިންގަން ފެށުމުން ރާއްޖޭގެ އުތުރުން ލިބެން ހުންނަ ޞިއްޚީ ޚިދުމަތްތައް އެތައްގޮތަކުން ކުރިއަރައި، މިހާތަނަށް އެ ސަރަޙައްދުން ލިބެން ނެތް އެތައް ޚިދުމަތްތަކެއް ލިބެން ފަށާނެއެވެ. އަދި މުހިއްމު ފަރުވާތަކަށް މާލެއާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ޚަރަދުތައް ކުޑަވެ ޢާއިލާ ކައިރީގައި ތިބެ ޞިއްޙީ ފަރުވާ ހޯދުމުގެ މަގު ފަހިވާނެއެވެ. ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހިންގުމަށް ނިމްސްއިން ހުށަހަޅާފައިވާ ޕްރޮޕޯޒަލްގައި އެ ހޮސްޕިޓަލުން ދޭ މުހިއްމު ހުރިހާ ފަރުވާތަކެއް ރާއްޖެއިން ދިނުމަށް ހިމަނާފައިވާކަން ހެލްތް މިނިސްޓަރ ޢަބްދު ﷲ ނާޡިމް ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަލާއިރު، އެ ހޮސްޕިޓަލަކީ މިހާރުވެސް ރާއްޖޭގައި ދެވޭ ގިނަ ޚިދުމަތްތަކެއް ލިބެންހުރި، އޭ ގްރޭޑްގެ ހޮސްޕިޓަލެކެވެ. ރީޖަނަލް ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ހިންގަވަން ފަށްޓަވާފައިވަނީ، 1982 ވަނަ އަހަރު މާރޗް މަހުގެ 1ވަނަ ދުވަހުއެވެ. 24 ގަޑިއިރު ޚިދުމަތްދެއްވާ މި ހޮސްޕިޓަލްގައި 25 ޑޮކްޓަރުންނާއި 89 ނަރުހުން މަސައްކަތްކުރެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން މިހާރު ލިބެން ހުންނަ ޚިދުމަތްތަކުގެ ތެރޭގައި، ފިޒިއޮތެރަޕީ، ޑައެލެސިސްގެ ޚިދުމަތް، އިސީޖީ، އައިސީޔޫ، އެންއައިސީޔޫ، އެކްސްރޭ ނެގުމާއި، ލެބޯޓްރީގެ ޚިދުމަތް ފާހަގަކޮށްލެވެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ، ހއ. ހދ. އަދި ށ. އަތޮޅުގެ ގިނަ ބަޔަކު ޚޮދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.

ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ އުތުރާ ދެކުނުގައި ޓާރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީ ކުރެއްވުމެވެ. މިގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލް އިންޑިއާގެ ނިމްސްއާ ޙަވާލުކުރެއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ގެންދަވަނީ ކުރައްވަމުންނެވެ. އެގްރިމެންޓް ޑްރާފްޓް ކުރައްވައި، ބަންޑާރަ ނާއިބްގެ ލަފާ ހޯއްދަވަން މިހާރު ވަނީ ހުށައަޅުއްވާފައެވެ. ހެލްތު މިނިސްޓްރީން އުއްމީދުކުރައްވަނީ އެގްރިމެންޓް ފައިނަލް ކުރައްވާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެތަން ތަރައްޤީވުން ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.