ޚަބަރު

އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ޒެނީޝާ ބައިވެރިވެއްޖެ


"އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ފޯރަމް އޮފް ދި މެނޭޖްމަންޓް އޮފް ސޯޝަލް ޓްރާންސްފޯމޭޝަންސް" ޕްރޮގްރާމްގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ބައްދަލުވުމުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ "އެންމެން ޝާމިލުވާ މުޖުތަމަޢުތައް އޭޝިއާ ޕެސިފިކް ސަރަހައްދުގައި ބިނާކުރުން" އެވެ. ޢުމުރުން ދުވަސްވީ މީހުންގެ ހައްޤުތަކާއި އަންހެނުންގެ ހައްޤުތައް ކުރިއެރުވުމާއި، އިޖްތިމާޢީ އުފެއްދުންތެރިކަމުގެ ދާއިރާތަކަށް މި ބައްދަލުވުމުގައި އަލިއަޅުވާލައްވާފައިވެއެވެ.

ޢުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމުގެ މުހިއްމުކަމާމެދު މަޝްވަރާކުރުމަށް މި ޕްރޮގްރާމުގެ ދަށުން ބޭއްވި ޕެނަލް ޑިސްކަޝަންގައިވެސް މިނިސްޓަރ ޒެނީޝާ ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގައި ދޮށީ ޢުމުރުގެ މީހުންގެ ހައްޤުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި "ރަންވޭލާ" ކެމްޕެއިންގެ މަޢުލޫމާތު މިނިސްޓަރ ވަނީ މިބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ. img:http://s3.psmnews.mv/images/660x400/14903373110635.jpg|ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ -

ދޮށީ އުމުރުގެ މީހުން، އަނިޔާ އާއި އިހުމާލުން ރައްކާތެރިކުރުމުގައާއި، ޢުމުރުންދުވަސްވީ މީހުންނާ ގުޅޭ ކަންތައްތަކުގައި ގޮތް ނިންމާއިރު އެ މީހުންގެ ބައިވެރިވުން އިތުރުކުރުމުގައި ޢާއިލާ އާއި މުޖުތަމަޢުގެ މުހިއްމު ދައުރު މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ ޒެނީޝާ ފާހަގަކުރެއްވިއެވެ.

މިއީ މެލޭޝިއާގެ މިނިސްޓްރީ އޮފް ވިމެންސް، ފެމިލީ އެންޑް ކޮމިއުނިޓީ ޑިވެލޮޕްމެންޓް އާއި ޔުނެސްކޯ ގުޅިގެން އިޖްތިމާޢީ ދާއިރާގެ ސިޔާސަތުތައް އުފައްދާ ތަންފީޒުކުރުމުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމުގެގޮތުން ބާއްވާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ތަފާތު ޤައުމުތަކުގެ ތަޖުރިބާކާރުންގެ މެދުގައި މަޝްވަރާކޮށް މަޢުލޫމާތު ހިއްޞާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.