ވިޔަފާރި

އުރީދޫގެ މައި އޮފީސް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


އުރީދޫ މޯލްޑިވްސްގެ މައި އޮފީސް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި، ހައުސިންގ ޑިވެލޮޕމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު އުރީދޫއިން ސޮއިކޮށްފިއެވެ.

މިއަދު އެޗްޑީސީގައި އޮތް ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަންއެވެ. އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ސީއީއޯ، ވިކްރަމް ސިންހައެވެ.

އުންމީދީ ސިޓީއެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީ ކުރައްވަމުން އަންނަ ހުޅުމާލޭގައި، ވަޒީފާގެ ފުރުސަތު އިތުރުވުމަށް މިއީވެސް މުހިންމު ފެށުމެއްކަމަށް އެޗްޑީސީން ދެކެއެވެ. އުރީދޫއާއެކު، ރާއްޖޭގައި ޚިދުމަތް ދެމުންއަންނަ އެހެނިހެން ކުންފުނިތަކުގެ މައި އޮފީސްތައް ހުޅުމާލެއަށް ބަދަލުވުމަކީ އެޗްޑީސީގެ އުންމީދެކެވެ.

ގާތްގަނޑަކަށް ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އުރީދޫ ހެޑްކުއާޓާޒް ނުވަތަ މައި އޮފީހުގެ މަސައްކަތް ނިމޭނެކަމަށް އެކުންފުނިން ބުނެއެވެ.