ޚަބަރު

ދުބާއީ ސްޕޯޓްސްގެ ޕްރޮގްރާމްތައް ޕީއެސްއެމްއަށް !


ދުބާއީ ސްޕޯރޓްސް އަކީ ދުނިޔޭގެ އެންމެ މަޤްބޫލް އެއް ސްޕޯޓްސް ޗެނަލެވެ. އަދި އެ ޗެނަލަކީ ތަރައްޤީއާއި ޓެކޮނޮލޮޖީގެ ގޮތުން ބަލާއިރުވެސް ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކުރެވޭ އެއް ޗެނަލެވެ. ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ ކުންފުނީގެ ރަސްމީ މުހިންމު މަސައްކަތްތަކެއްގައި ދުބާއީއަށް ކުރައްވާ ދަތުރުގައި ދުބާއީ ސްޕޯޓްސްގެ އިސް ވެރިޔާ ރާޝިދު އަމީރީއާ ބައްދަލުކުރައްވައި ތަފްޞީލް މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ. މި މަޝްރާތަކުގައި ޕީއެސްއެމްގެ ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޚަލީލްގެ އަރިހުގައި ޑިރެކްޓަރ އިންޖިނިއަރިންގ ޙުސައިން ޝުހާދާއި ޑިރެކްޓަރ އީ-ކޮމާރސް އެންޑް މާރކެޓިންގ އިބްރާހީމް ނަޞްރީން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްވަރާތަކުގައި ދުބާއީ ސްޕޯޓްސް އިން ފޮނުވާ ހުރިހާ ކޮންޓެންޓެއް ޕީއެސްއެމްގެ ޗެނަލްތަކުގައި ބޭނުންކުރުމާއި ރީބްރޯޑުކާސްޓްކުރުމުގެ ޙައްޤު ޕީއެސްއެމްއަށް ދެއްވާނެކަމުގެ ޔާގޤީންކަން ޑުބާއީ ސްޕޯޓްސްގެ އިސް ވެރިޔާ ރާޝިދު އަމީރީ ވަނީ ދެއްވިއެވެ. އަދި ޑުބާއީ ޓީވީގެ ޗެނަލްތަކުގެ ތެރެއިން ޕަބްލިކް ސަރވިސް މީޑިޔާއަށް ބޭނުންވާ ހުރިހާ ޗެނަލެއް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤާއި އެޗެނަލްތަކުގެ ވަކިވަކި ޕްރޮގޮރާމްތައް ބޭނުންކުރުމުގެ ޙައްޤުވެސް ޕީއެސްއެމްއަށް ދެއްވާނެކަމަށް ރާޝިދު އަމީރި ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14902816225267.jpg|ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޙަލީލް ދުބާއީ ސްޕޯޓްސްއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ރަމަޟާންމަހަށް ޚާއްޞަކޮށްގެން އުފައްދާ ޕްރޮގުރާމްތައް ދެއްކުމުގެ ޙައްޤު ޕީއެސްއެމްއަށް ދެއްވާނެކަމަށާއި މީގެތެރޭގައި ހިމެނޭ ރަމަޟާލްމަހަށް ޚާއްޞަކޮށްގެން ދުބާއީގައި ބާއްވާ އެއް މުބާރާތް ކަމަށްވާ ބައިނަލްއަޤުވާމި ޤުރުއާން މުބާރާތް ޕީއެސްއިން ބޭނުންނަމަ ރީބްރޯޑްކާސްޓް ކުރެވިދާނެކަމަށާއި ރަމްޟާންމަހުގެ ތެރޭގައި ބާއްވާ ޤައުމީ ފުޓްސަލް މުބާރާތްވެސް ޕީއެސްއެމަށް ޙިއްޞާކުރައްވާނެކަމަށް ދުބާއީ ސްޓްސްގެ އިސްވެރިޔާ ރާޝިދު އަމީރީ ވިދާޅުވިއެވެ. މީގެ އިތުރުންވެސް، ޕަބްލިކް ސަރރވިސް މީޔާއާއި ދުބާއީ ޗެނަލްސް ނެޓްވާރކާ ގުޅިގެން މީޑިޔާގެ ތަރައްޤިއަށް ކުރެވިދާނެ މަސައްކަތްތަކާއި، ދެފަރާތް ގުޅިގެން އުފެއްދިދާނެ ޕްރޮގްރާމްތަކާ ބެހޭގޮތުން ދުބާއީ ސްޕޯޓްސްގެ އިސްވެރިޔާއާއި ޕަބްލިކް ސަރވިސް މީޑިޔާގެ މެނޭޖިންގް ޑައިރެކްޓަރ މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރަށް ދިވެހިންނާއި ދިވެހީންގެ ޘަޤާފަތާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިތުރަށް އިޝްތިހާރުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން ޕަބްލިކް ސަރވިސް މީޑިއާއިން ފަށާފައިވާ މޯޑިވްސްޓީވީ ދުބާއީގައި ޕްރޮމޯޓްކުރުމާބެހޭ ގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. ރާޝިދު އަމީރީ ވަނީ މޯލްޑިވްސް ޓީވީ ޕްރޮމޯޓްކުރުމަށް ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.  

img:http://s3.psmnews.mv/images/660x400/14902816790429.jpg|ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އާއި އިސްވެރިން، ދުބާއީ ސްޕޯޓްސްގެ އިސް ވެރިޔާ ރާޝިދު އަމީރީއާ މަޝްވަރާކުރައްވަނީ / ފޮޓޯ: ޕީއެސްއެމް

ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޚަލީލާއި އޮފިޝަލުން ދުބާއީ ޓީވީއަށް ކުރެއްވި ޒިޔާރަތުގައި ދުބާއީ ސްޕޯޓްސްގެ ސްޓޫޑިއޯތަކާއި މާސްޓަރ ކޮންޓްރޯލް ރޫމާއި ޕްރޮޑަކްޝަންގެ އެހެނިހެން ފެސިލިޓީސްތައް ބޭނުންކުރަމުން ދާގޮތާއި އެތަންތަނުގެ މަސައްކަތްތަށް ހިގަމުން އަންނަ ގޮތުގެ މަޢުލޫމާތު ޙިއްޞާކުރިއެވެ. އަދި ދުބާއީ ސްޕޯޓްސްއިން މިހާރު ކުރިޔަށް ގެންދާ ޕްރޮޑަކްޝަންތަކާއި ކުރިޔަށް ރާވާފައިވާ މުހިންމު މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ޕީއެސްއެމްގެ ވެރިންނަށް ޙިއްޞާކުރިއެވެ.

ދުބާއީ ސްޕޯޓްސްގެ އިސްވެރިޔާ ރާޝިދު އަމީރީ ވަނީ ޒަމާނީ މީޑިއާ ކުންފުންޏަކަށް ޕަބްލިކް ސަރވިސް މީޑިއާ ބަދަލުކުރުމަށް މިހާތަނަށް ކޮށްފާވައިވާ މަސައްކަތްތަކަށާއި އަލަށް ތަޢާރަފް ކޮށްފައިވާ ޚިދުމަތްތަކަށް ތަޢުރީފްކުރައްވާފައެވެ. އަދި ދުބާއީ ސްޕޯޓްސްގެ އިސްވެރިޔާ ރާޝިދު އަމީރީ ވަނީ ދާދި އަވަހަށް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށާއި ދުބާއީގެ ޤައުމީ މީޑިޔާއާއި ދިވެހި ރާއްޖޭގެ ޤައުމީ މީޑިޔާއާ ދެމެދު ޚާއްޞަ ގުޅުންތަކެއް ޤާއިމުކުރެއްވުމަށް މަސައްކަތް ކުރައްވަން ނިންމަވާފައެވެ.