ކުޅިވަރު

ރާއްޖެއަށް ލިބޭ ފުރުސަތުގެ ބޭނުން ހިފަން ޖެހޭ - ޝަރަފް


ނޭޕާލް މެޗްގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަންޖެހޭކަމަށް ގައުމީ ވޮލީ ޓީމްގެ ކޯޗް މުހައްމަދު ޝަރަފް ބުނެފިއެވެ. 

3ވަނަ އޭޝިއަން ސެންޓްރަލް ޒޯން ވޮލީ ބޯލް ޗެންޕިއަންޝިޕްގެ ތިންވަނަ މެޗްގައި ރާއްޖެއާއި ނޭޕާލް ވާދަކުރާ މެޗްގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއާއި ވާހަހަކައްދަމުން ކޯޗް ޝަރަފްބުނީ ނޭޕާލަކީ ބަލި ޓީމެއް ނޫންކަމަށާ މިސަރަހައްދުގެ ޓީމްތަކުގެ ތެރެއިން ނޭޕާލަކީވެސް މޮޅު ޓީމެއްކަމަށެވެ. ނޭޕާލާ ތުރުކުމަނިސްތާން ވާދަކުރި މެޗަށް ބަލާފަ، ރާއްޖެއަށް ނޭޕާލްގެ މައްޗަށް ކުރި ހޯދިދާނެކަމަށް ޝަރަފް ބުނި. ކޯޗް ޝަރަފްބުނީ ނޭޕާލަކީ ވަރަށް ހައިބޯލް ކުޅޭ ބައެއްކަމަށެވެ. ނޭޕާލްގެ ހައިބޯލް ތަކުގެ ސަބަބުން ރާއްޖެއަށް އެކަމުން ފައިދާތަކެއް ނެގިދާނެކަމަށާ ހައިބޯލްގެ ސަބަބުން ލިބޭ ފަޅި ސިކުންތުގައި ރާއްޖޭގެ ޓީމަށް ހަމަޖެހުމަށް ފުރުސަތު ލިބިގެންދާނެކަމަށް ކޯޗް ޝަރަފްބުންޏެވެ.



"ނޭޕާލް މެޗްގައި ރާއްޖެއަށް ކުރި ހޯދިދާނެ، އެމީހުންނަކީ ވަރަށް ހައިބޯލް ކުޅޭބައެއް، އެހެންވީމަ ރާއްޖޭގެ ޓީމަށް ހަމަޖެހިލުމަށް ވަރަށް ގިނަ ފުރުސަތުތަކެއް ލިބޭނެ. ނޭޕާލާ ތުރުކުމަނިސްތާން މެޗްގައިވެސް ނޭޕާލްގެ ފަރާތުން ފެނުނީ ހަމަ އެކުޅުން، އެހެންވީމަ ރާއްޖޭގެ ޓީމަށް ފައިދާ ބޮޑީ. ނޭޕާލް ޓީމްގެ ކުޅުންތެރިން ކިތަންމެ އިސްކޮޅުން ދިގުނަމަވެސް، ރާއްޖޭގެ ޓީމަށް ނޭޕާލްގެ ބުލޮކްތަށް ނައްޓާފަ ޖެހިދާނެ". ގައުމީ ޓީމްގެ ކޯޗް ޝަރަހް ބުންޏެވެ.



ކޯޗް ޝަރަފްބުނީ ރާއްޖެއާއި ނޭޕާލް، ފުރަތަމަ މެޗުން ބަލިވުމުން، ދެޓީމަށްވެސް ޕެރެޝަރާއި ކުރިމަތިލާންޖެހޭނެކަމަށެވެ. އަދި މި މުހިންމު މެޗަށް ރާއްޖޭގެ ޓީމް މާދަމާ ހަވީރު ނިކުންނައިރު ސަޕޯޓަރުންގެ އެހީވެސް ވަރަށް ބޭނުންވާނެކަމަށާއި ސަޕޯޓަރުންގެ އެހީއާއެކު ނޭޕާލްގެ މައްޗަށް ރާއްޖެއަށް ކުރި ހޯދޭނެކަމަށް ރާއްޖޭގެ ގައުމީ ވޮލީ ޓީމްގެ ކޯޗް މުހައްމަދު ޝަރަފްބުންޏެވެ.

ނޭޕާލްގެ ކޯޗް ޖަގްދީޝް ބަޓް ބުނީ ތުރުކުމަނިސްތާން މެޗުން ބަލިވުމުން މުބާރާތުގައި ކުރިއަށްދާން ބޭނުންކަމަށްވާނަމަ، ދިވެހިރާއްޖެ ބަލިކުރަންޖެހޭކަމަށް. ރާއްޖޭގެ ޓީމަކީވެސް މޮޅު ޓީމެއް ނަމަވެސް ނޭޕާލަށް ރާއްޖޭގެ ޓީމް ބަލިކުރެވިދާނެކަމަށް ނޭޕާލްގެ ކޯޗް ޖަގްދީޝް ބަޓް ބުންޏެވެ.



ތުރުކުމަނިސްތާން މެޗުން ބަލިވުމުން، ކުރަންޖެހޭ މަސައްކަތްވަރަށް ގިނަ. ދެން ޖެހޭނީ ރާއްޖެ ބަލިކުރަން. ނޭޕާލުން ކުރިންވެސް ވަނީ ރާއްޖެ ބަލިކޮށްފަ. ރާއްޖޭގެ ޓީމުގައި ވަރަށް މިސްޓޭކްތަށް ގިނަވާނެ، ނޭޕާލް ޓީމުން މިހާރު ވާނީ އެމިސްޓޭކްތަށް ދަސްކޮށް، އެކަމުން ފައިދާ ނެގޭނެ ހުރިހާ ގޮތެއް ރާވާފަ." ނޭޕާލް ކޯޗް ޖަގްދީޝް ބަޓް ބުންޏެވެ.



ނިމިގެންދިޔަ ސެންޓަރަލް ޒޯން ވޮލީ މުބާރާތުގެ ލީގު ބުރުގައި ރާއްޖެއާއި ނޭޕާލް ވާދަކުރި މެޗް ނޭޕާލް ކާމިޔާބުކޮށްފައިވަނީ 3 ސެޓް 1 ސެޓުންނެވެ. އަދި މުބާރާތުގެ ތިންވަނަ ހޮވި މެޗް ރާއްޖެ ކާމިޔާބުކޮށްފައިވަނީ ތިން 3 ސެޓް 1 ސެޓުންނެވެ.

ނޭޕާލްއާއި ދިވެހިރާއްޖެ ވަދަކުރާ މެޗް މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރުއެވެ. މިމެޗް ޓީވީއެމްއިންނާއި ޔެސް ޓީވީއިން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.