ޚަބަރު

ރައީސް، އިނގިރޭސި ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި


އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލިސް، ވެސްޓްމިންސްޓަރގައި އިއްޔެ ދިން ހަމަލާއެއްގައި ބަޔަކު މަރުވެ އަދި އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އެޤައުމުގެ ބޮޑުވަޒީރު ޓެރީސާ މޭއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައެވެ. އަދި، ކުށެއްނެތް ރައްޔިތުންތަކަކާ ދެކޮޅަށް ހިންގާ މިފަދަ ޓެރަރިޒަމްގެ ފިނޑި ޢަމަލުތައް، ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި، މިކަމުގައި އިނގިރޭސިވިލާތާއި، ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވެފައެވެ. އިނގިރޭސި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ހަމްދަރުދީ ރައްދުކޮށްދެއްވުމަށާއި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.