ޚަބަރު

ފެނާއި ނަރުދަމާގެ ޤާނޫނަށް މިއަހަރު އަމަލުކުރަން ފަށަނީ


ފެނާއި ނަރުދަމާގެ ޤާނޫނަށް މިއަހަރުގެ ތެރޭގައި އަމަލު ކުރަން ފެށޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލް މަތީން ވިދާޅުވީ ފެނާއި ނަރުދަމާގެ ޤާނޫނެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާކަމަށެވެ. އަދި ފެނާއި ނަރުދަމާގެ ޤައުމީ ސިޔާސަތު ވެސް މިހާރު އެކުލަވާލައްވާފައިވާކަމަށާ، އަންނަ މަހުގެ ތެރޭގައި މިސިޔާސަތު ޢާއްމު ކުރެއްވުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަސައްކަތްކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަރުދަނާ ސިޔާސަތެއް ޢާމުކުރެވި، ޤާނޫނެއް އެކުލަވާލައި އެއަށް އަމަލު ކުރަން ފެށުމަކީ މި ސެކްޓަރ ނަގައި ކޮޅަށް ޖެހުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަމަށް މަތީން ވިދާޅުވިއެވެ. އަދި ރެގިއުލޭޓްރީ ދައުރު ހަރުދަނާކޮށް ބާރުވެރިކުރުމަށް ސަރުކާރުން މިއަހަރުގެތެރޭގައި މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް މަތީނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.