ޚަބަރު

ޓެކްސް ނުދައްކައިގެން ދެ ކުންފުންޏެއްގެ އެކައުންޓް ފްރީޒްކޮށްފި


ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކައިގެން، ދެ ކުންފުންޏެއްގެ އެކައުންޓްތައް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއިން ހިފަހައްޓަވައިފިއެވެ.

މީރާއިން ފްރީޒްކުރެއްވި އެކައުންޓްތަކުގެ ތެރޭގައި ހިމެނެނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މަސްލަޙަތު އޮންނަ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީގެ އެކައުންޓްތަކާއި، ވިޔަފާރިވެރިޔާ ޢަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާރސް މޯލްޑިވްސްގެ އެކައުންޓެވެ. މީގެ ތެރެއިން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީގެ އެކައުންޓްތައް މީރާއިން ފްރީޒްކޮށްފައިވަނީ، ސަރުކާރުން އެކުންފުންޏަށް ދެއްވާފައިވާ ރަށެއްކަމަށްވާ ތ. އަތޮޅު އެލާއިން ދައުލަތައް ދައްކަންޖެހޭ ޓެކްސްގެ މައްސަލައިގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެލާއިން ދައުލަތަށް ޓެކްސްގެ ގޮތުގައި ޖޫރިމަނާއާއެކު މިހާތަނަށް ސާދަ މިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ވަނީ ޔޮޓް ޓްއަރސް މޯލްޑިވްސްގެ އެކައުންޓްތައްވެސް ފްރީޒްކުރައްވާފައެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު މީރާއިން އަދި ހާމަކުރައްވާފައެއް ނުވެއެވެ.