ސިއްހަތު

ދަމަނަވެށިން މިހާތަނަށް 300އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފި


އެޗްވަން އެންވަން އިން ރާއްކާތެރިވުމަށް މާބަނޑުމީހުންގެ އިތުރުން ފަސް ބަޔަކަށް ޚާއްސަކުރައްވައިގެން ވެކްސިން ދޭން ފެށިފަހުން، މިހާތަނަށް ތިންސޭތަކައަށްވުރެ ގިނަ މީހުންނަށް ފްލޫ ވެކްސިން ދެއްވާފައިވާކަމަށް ދަމަނަވެށިން ވިދާޅުވެއްޖެއެވެ.

ދަމަނަވެށިން އިންފުލުއެންޒާ ވެކްސިން ދެމުން އަންނަނީ އެކި ސަބަބުތަކާއި ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ މީހުންނާއި، ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ މީހުންނާއި، އެބަލީގެ ފަރުވާ ފުރިހަމަކޮށްފައިވާ މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ އުމުރުން ތިން އަހަރުން މަތީގެ ފަރާތްތަކާއި، ޑައިލަސިސް ހަދާ މީހުންނާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ.

ދަމަނަވެށީގެ ޑިރެކްޓަރ ނަޔާޒް އަޙުމަދު ވިދާޅުވީ، ދަމަނަވެށިގެން ވެކްސިން ދޭން ފެށްޓެވިފަހުން، އިއްޔެ 264 މީހުންނަށް ވެކްސިން ދެއްވާފައިވާކަމަށެވެ. އަދި އަންގާރަ ދުވަހު 126 މީހަކަށް ވެކްސިން ދީފައިވާ ކަމަށްވެސް ނަޔާޒް ވިދާޅުވިއެވެ. މީގެ ތެރޭގައި ޢުމްރާއަށް ދާ މީހުންވެސް ހިމެނޭކަމަށް ނަޔާޒް ފާހަގަކުރެއްވިއެވެ. އެހެންކަމުން ދަމަނަވެށިން އިއްޔެގެ ނިޔަލަށް ޖުމްލަ 387 މީހަކަށް ވެކްސިން ދީފައިވާ ކަމަށް ދަމަނަވެށިން ވިދާޅުވެއެވެ.

ދަމަނަވެށީގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މެންދުރު ދޭކުން ހަވީރު ހަތަރަކަށެވެ. އިންފުލުއެންޒާއަށް ދަމަނަވެށިން ވެކްސިންދޭން ފަށްޓަވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.