ކުޅިވަރު

ރާއްޖެ މެޗުގެ ކުރިން ފަލަސްތީން ޔަމަން ބަލިކޮށްފި


އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ދިވެހިރާއްޖެއާއި ދެކޮޅަށް ނިކުތުމުގެ ކުރިން ޕަލަސްތީން ކުޅުނު އެކުވެރިކަމުގެ މެޗް އެޓީމް ކާމިޔާބުކޮށްފިއެވެ. 

 އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ދިވެހި ރާއްޖެއާއި ފަލަސްތީން މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހުގެ ރޭ މާލޭ ގައެވެ. ޔަމަންގެ މައްޗަށް ފަލަސްތީން ކުރި ހޯދާފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗްގައި ޖެހި ހަމައެކަނި ލަނޑު ފަލަސްތީން ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޔަޝީރް ޕިންޓޯއެވެ. 

ފަލަސްތީން ވަނީ މިދިޔަ އަހަރު އެކުވެރިކަމުގެ 5 މެޗް ކުޅެފައެވެ. ލެބަނާންއާ ވާދަކޮށް އެކެއް އެކަކުން އެއްވަރުކޮށް، ތަޖަކިސްތާންއާއ އެޤައުމުގައި ވާދަކޮށް ތިނެއް ތިނަކުން އެއްވަރުކުރިއިރު، ޕަލަސްތީންގައި ތަޖަކިސްތާންއާއެކު ކުޅުނު މެޗް ނިމިފައިވަނީ އެއް ލަނޑު އެއް ލަނޑު ދެ ޓީމް އެއްވަރުވެގެންނެވެ. މިދިޔަ އަހަރުގެ ކުރީ ކޮޅުގައި ޓިމޯ ލެސްޓޭއާ ވަދަކޮށް ފަލަސްތީން މެޗް ކާމިޔާބުކޮށްފައިވަނީ ހަތް ލަނޑު ސުން ލަނޑުންނެވެ. އަދި ޔޫއޭއީއާ ވާދަކޮށް ފަލަސްތީން ބަލިވެފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ.

 ރާއްޖެ އެންމެ ފަހުން ކުޅެފައިވާ މެޗްތަކަށް ބަލާލާއިރު، މިދިޔަ އަހަރު އޮކްޓޯބަރ މަހު ލާއޯސްއާ ވާދަކޮށް ފަސް ލަނޑު އެއް ލަނޑުންވަނީ މޮޅުވެފައެވެ. އަދި ބަންގްލަދޭޝްއާއި ވާދަކޮށް ފަސް ލަނޑު ސުން ލަނޑުން ރާއްޖެވަނީ މޮޅުވެފައެވެ.  

ރާއްޖެއާ ވާދަކުރުމަށް ފަލަސްތީން ޓީމް މާލެ އަންނާނީ ހޮނިހިރު ދުވަހުއެވެ.