ޚަބަރު

ރޯދަމަހަށް 19 މިސްކިތެއްގެ މަސައްކަތް ނިމޭނެ- މިނިސްޓްރީ


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ޢިމާރާތްކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، 19 މިސްކިތެއްގެ މަސައްކަތް ރަމަޟާން މަހަށް ނިންމަވައި ބޭނުންކުރައްވަން ފަށްޓަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިސްކިތް ޢިމާރާތްކުރެއްވުމުގެ މަސައްކަތް 12 އަތޮޅެއްގެ އެކި ރަށްތަކުގައި ކުރިއަށްދާކަމަށެވެ. އަދި މިކަމަށް ސަތޭކަ ތިރީސް ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީން ވިދާޅުވީ، މި މިސްކިތްތަކުގެ މަސައްކަތް މެއި މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ.

މީގެތެރޭގައި ހިމެނެނީ ސަރުކާރުގެ ބެޖެޓުންނާއި، ސަޢުދީ ރަސްގެފާނުގެ ހިލޭއެހީއާއި، ސަޢޫދީ ސަރުކާރުގެ ހިލޭ އެހީ އަދި އަލިފުޅުތުއްތު ފައުންޑޭޝަންގެ އެހީގެ ދަށުން ޢިމާރާތްކުރައްވާ މިސްކިތްތަކެވެ.

މިސްކިތް އިމާރާތްކުރެއްވުމުގެ މަސައްކަތް ކުރިއަށްދާ ރަށްތަކުގެ ތެރެއިން، ނ.ޅޮހި، ށ.ފީވައް، ނ.މާޅެންދޫގައި މިސްކިތް ޢިމާރާތްކުރަނީ ސަޢުދީ ރަސްގެފާނުގެ ހިލޭ އެހީގައެވެ.

އަލިފުޅުތުއްތު ފައުންޑޭޝަންގެ އެހީގެ ދަށުން، ހއ.ތަކަންދޫ، މ.މުލައް، އަދި ށ.ނަރުދޫގައި މިސްކިތް އިމާރާތްކުރުމުގެ މަސަކަތް ކުރައްވަމުން ގެންދަވައެވެ.

ސަރުކާރުގެ ބެޖެޓުން ޚަރަދުކުރައްވައިގެން މިސްކިތް ޢިމާރާތް ކުރެއްވުމުގެ މަޝްރޫޢު ކުރިއަށް ގެންދަވަނީ، ށ. ފޭދުއާއި، ބ.ކިހާދޫ، ދޮންފަނު އަދި ލ. ކުނަހަންދޫގައެވެ. ބަކީ ހުރި މިސްކިތްތައް ޢިމާރާތްކުރެއްވުމުގެ މަސައްކަތް ކުރައްވަނީ ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

މީގެ އިތުރުން މިދިޔަ އަހަރާ މިއަހަރު 18 މިސްކިތެއްގެ މަސައްކަތް ނިންމަވައި، ރަސްމީކޮށް ނުހުޅުއްވިނަމަވެސް ބޭނުންކުރައްވަން ވަނީ ފަށްޓަވާފައެވެ. އަދި 7 މިސްކިތެއް ރަސްމީކޮށް ހުޅުއްވައި ބޭނުންކުރައްވަން ފަށްޓަވާފައިވެއެވެ.