ޚަބަރު

"އޭ.އައި.އައި.ބީގެ ސަބަބުން ތަރައްޤީ އައު އުސްމިންތަކަކަށް ދާނެ"


ޗައިނާއިން އިސްނަގައިގެން އުފައްދާފައިވާ އޭޝިއަން އިންފްރާސްޓަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ މެމްބަރަކަށް ދިވެހިރާއްޖެވުމަކީ ތަރައްޤީގެ އައު އުސްމިންތަކަކަށް ދިއުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށް ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ.މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ޑރ.ފައިސަލް ވިދާޅުވީ، އޭޝިއަން އިންފްރާސްޓަކްޗަރ އިންވެސްޓްމަންޓް ބޭންކް، (އޭ.އައި.އައި.ބީ)ގެ މެމްބަރަކަށް ރާއްޖެ ވުމުން، ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމުގައި ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބޭނޭކަމަށެވެ. ބައިނަލްއަޤްވާމީ ފައިނޭންޝަލް އިންޓިޓިއުޝަންތަކުން ލޯނު ހޯދުމަށްވުރެ އޭ.އައި.އައި.ބީ މެދުވެރިކޮށް ރާއްޖެއަށް ލޯނު ހޯދުމަށް ފަސޭހަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14892316724047.jpg|ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ.މުޙައްމަދު ފައިސަލް

އޭ.އައި.އައި.ބީ މެދުވެރިކޮށް ވަރަށް ދަށް އިންޓަރެސްޓް ރޭޓްގައި ދިވެހިރާއްޖެއަށް ލޯނު ލިބޭނެކަން ފާހަގަކުރައްވަމުން، ސަފީރު ވިދާޅުވީ، އޭޝިއަން އިންފްރާސްޓަކްޗަރ ބޭންކްގެ މެމްބަރަކަށް ދިވެހިރާއްޖެ ވެގެންދިޔަކަމީ، ރާއްޖޭގެ އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީއަށް ވެސް ލިބިގެންދާނޭ ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ.

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ ފައުންޑަރ މެންބަރެއްގެ ގޮތުގައި ރާއްޖެ ހިމެނޭއިރު އެ ބޭންކް އުފެއްދުމާބެހޭ އެއްބަސްވުމުގައި ސޮއިކޮށްފަވަނީ 2015ވަނަ އަހަރުގެ ޖޫންމަހުގެ 29 ވަނަ ދުވަހުއެވެ. މިއަހަރުގެ ފަހުކޮޅު މި ބޭންކުގެ މަސައްކަތް ފަށާނީ 100 ބިލިޔަން ޑޮލަރުގެ ރައުސުލްމާލަކާއެކުއެވެ.