ޚަބަރު

މިއަދަކީ ބައިނަލްއަގުއާމީ ގޮތުން ފާހަގަކުރާ ފެނުގެ ދުވަސް


މިއަދަކީ ބައިނަލްއަގުއާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ފެނުގެ ދުވަހެވެ.

މިދުވަސް ފާހަގަކުރަނީ، ދުނިޔޭގެ ކަންކޮޅުތަކުގައި ދިމާވަމުން އަންނަ ފެނުގެ ކާރިސާތަކުން އަރައިގަތުމަށް މަސައްކަތްކުރުމުގެ މަޤްޞަދުގައެވެ.

ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ މާރޗް މަހުގެ 22 ވަނަ ދުވަހެވެ. މި ދުވަސް ބައިނަލްއަގުއާމީ ގޮތުން ފާހަގަ ކުރަމުން އަންނަނީ، ދެމެހެއްޓެނިވި ގޮތުގައި ސާފު ފެން ފޯރުކޮށްދިނުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

2015 ވަނަ އަހރު އެކުލަވާލި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައިވެސް އެންމެ މުހިއްމު އެއް ލަނޑުދަނޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދުނިޔޭގެ އާބާދީގެ ކޮންމެ ފަރުދަކަށް ރައްކާތެރި ސާފުފެން ފޯރުކޮށްދިނުމެވެ. އެގޮތުން 2030 ވަނަ އަހަރު އަންނަންވާއިރަށް މި ލަނޑުދަނޑި ހާސިލް ކުރުމަށް ވަނީ އަމާޒުކަނޑައަޅާފައެވެ.

ދުނިޔޭގެ ސިއްޚަތު ޖަމްއިއްޔާ، ޑަބްލިޔު އެޗް އޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 663 މިލިއަނަށްވުރެ ގިނަމީހުންނަށް އެމީހުން ދިރިއުޅެމުންދާ ސަރަހައްދުން ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެހިފައެއް ނުވެއެވެ. އަދި ސާފު ބޯފެން ހޯދުމަށް ދިގު ކިޔުތަކުގައި އެތައް ގަޑިއިރެއް ހޭދަ ކުރަން ޖެހެއެވެ.

ދުނިޔޭގެ އާބާދީގެ 1.8 ބިލިއަން މީހުން ބުއިމަށް ބޭނުންކުރާ ފެނަކީ ތަޢައްޔަރުވެފައިވާ ފެންކަން ޑަބްލިޔު އެޗް އޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ތަޢައްޔަރު ވެފައިވާ ފެން ބޭނުން ކުރުމުގެ ސަބަބުން ކޮލެރާ ޓައިފޮއިޑް، އަދި ޕޯލިއޯ ފަދަ ބަލިމަޑުކަންދަނީ ފެތުރެމުންނެވެ. މި އަހަރުގެ ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިޔާރުކަމުގައިވާ، "ވައި ވޭސްޓް ވޯޓަރ"ގެ މަޤްސަދަކީ، ގޭގެއިންނާ، އިންޑަސްޓްރީތަކުން ބޭރުކުރާ ފެން އަލުން ސާފު ފެނުގެ ގޮތުގައި ބޭނުން ކުރާ ނިސްބަތް އިތުރުކުރުމާއި، ފެން އިސްރާފުކުރާ މިންވަރު މަދުކުރުމެވެ.