ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕް މާދަމާ ފަށަނީ


ފަސްކުރެވިފައިވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ. 

މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި އެފްއޭއެމްއިން ރާވާ ހިންގާ ހުރިހާ މުބާރާތްތަށް ފަސްކުރީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެންނެވެ. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ މުބާރާތަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހިންގުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން މިހާރު ހުއްދަދީފައިވާކަމަށެވެ. މިނިވަން ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޒޯން އެކެއްގެ ހދ.އަތޮޅުގެ މެޗަކުންނެވެ. މިހާރު މެޗްތަށް ތާވަލް ކުރެވިފައިވާ ގޮތުން މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ ހދ.އަތޮޅުގެ ކުޅުދުއްފުއްޓާއި ކުރިނބީގެ މެޗެވެ.

 ތިން ގުރޫޕްއަކަށް ބަހާލެވިފައިވާ މިއަތޮޅުގެ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުއެވެ. ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވަދާކުރާނީ ނޮޅިވަރަމްއާއި ފިނޭއެވެ. ހދ.އަތޮޅު ގުރޫޕް އެކެއްގައި ހިމެނެނީ ކުޅުދުއްފުށި، ކުރިނބި އަދި ކުމުންދޫއެވެ. ގުރޫޕް ދޭއްގައި ހިމެނެނީ ނޮޅިވަރަމްއާއި ފިނޭ އަދި ނޮޅިވަރަމްފަރެވެ. ގުރޫޕް ތިނެއްގައި ހިމެނެނީ ހަނިމާދޫއާއި ނޭކުރެންދޫ އަދި ހިރިމަރަދޫއެވެ.