ޚަބަރު

ބޭހާ، ވެކްސިން ހޯދުމަށް ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް އެހީވާނެ


ރާއްޖޭގައި މިހާރު ފެތުރެމުން ރޯގާ އަދި އެޗް.ވަން.އެން.ވަންއަށް ފަރުވާދީ އަދި ކޮންޓްރޯލްކުރުމަށް ބޭނުންވާ ބޭހާ، ވެކްސިން ހޯދުމަށް ރާއްޖޭގެ ސަރުކާރަށް ޑަބްލިއު.އެޗް.އޯއިން އެހީތެރިވަމުން ގެންދަވާކަމަށް އެޖަމްއިއްޔާއިން ރާއްޖެއަށް ކަޑައަޅާފައިހުންނަ މަންދޫބު ޑރ.އަރްވިންދް މާތޫރް ވިދާޅުވެއްޖެއެވެ.

ޕީއެސް.އެމްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ، ޑަބްލިއި.އެޗް.އޯއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަ މަންދޫބް، ޑރ.އަރްވިންދް މާތޫރް ވިދާޅުވީ ރާއްޖޭގައި މިހާރު ފެތުރެމުން ރޯގާއަކީ މޫސުމީ ރޯގާއެއްކަމަށާ، މިސަރަހައްދުގެ ގިނަ ޤައުމުތަކެއްގައިވެސް މިރޯގާތައް ފެތުރެމުންދާ ކަމަށެވެ. މިގޮތުން އަވައްޓެރި ސްރީލަންކާ އަދި އިންޑިއާގައިވެސް ރޯގާ އަދި އެޗްވަންއެންވަންގެ ކޭސްތައް މިދުވަސްވަރު އިތުރުވެފައިވާ ކަމަށް ޑރ މާތޫރް ވިދާޅުވިއެވެ.

މިހާރު ފެތުރެމުންދާ ރޯގާ އާ އެޗްވަންއެންވަން ކޮންޓްރޯލްކޮށް، ބަލި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ޑރ މާތޫރްވަނީ ތައުރީފު ކުރައްވާފައެވެ. އަދި މި މަސައްކަތުގައި ޖެނީވާގައި ހުންނަ ޑަބްލިއު.އެޗް.އޯ މައި އޮފީހާ، މި ސަރަހައްދުގެ އޮފީސް ސިއެރޯ، އަދި ރާއްޖޭގައި ހުންނަ އޮފީހުން ރާއްޖޭގެ ސިއްހީ ވުޒާރާއަށް އެހީތެރިކަން ދެއްވާކަން މަތޫރް ފާހަގަކުރެއްވިއެވެ. އަދި އެޗް.ވަން.އެން.ވަންއަށް ބޭނުންވާ ވެކްސިން ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯއިން އެހީވަމުން ގެދަވާކަމަށްވެސް މަތޫރް ވިދާޅުވިއެވެ.

ރާއްޖޭގައި ފެތުރެމުންދާ ރޯގާ ކޮންޓްރޯލްކުރުމަށް ޑަބްލިއު.އެޗް.އޯއިން ދެއްވަމުން ގެންދަވާ އެހީތެރިކަމުގެ ދަށުން  ފުލޫއަށް ބޭނުންކުރާ  ބޭހެއްކަމަށްވާ ޓެމި ފްލޫ ކެޕްސޫލްގެ ދެހާސް ކެޕްސޫލް މިހާތަނަށް ރާއްޖެ ގެނެސްދީފައިވާކަމަށާއި އިތުރު ދިހަހާސް ކެޕްސޫލް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް މަތޫރް ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ހާއްސަ މާސްކާއި އެޗް.ވަން.އެން.ވަންއަށް ޓެސްޓް ކުރުމަށް ބޭނުންވާ އާލާތްތައްވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މަތޫރް ވިދާޅުވިއެވެ.  

ރާއްޖޭގައި ފެތުރެމުންދާ ރޯގާ ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ އިދާރާތަކާއި އެކު ޑަބްލިއުއެޗްއޯއިން ފަންނީ ގޮތުންވެސް މަސައްކަތް ކުރަމުންދާ ކަމަށާއި އެޗް.ވަން.އެން.ވަން ފެތުރެމުންދާ މިންވަރު ބަލާ، އެ ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުންދާ އަދި ކުރެވޭނެ މަސައްކަތްތައް ހަރުދަނާކުރާނެ ގޮތް ބަލަމުންދާކަމަށްވެސް ޑރ މާތޫރް ވިދާޅުވިއެވެ.