ޚަބަރު

ޑުބާއީ ޗެނަލްސް ނެޓްވޯކްގެ ޕްރޮގްރާމްތައް ޕީއެސްއެމްއަށް


ޑުބާއީ ޗެނަލްސް ނެޓްވޯކްގެ ޓީވީ ޗެނަލްތަކާއި އެ ޗެނަލްތަކުގެ ކޮންޓެންޓް ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތަކުގައި ބްރޯޑްކާސްޓްކުރުމާ ބެހޭގޮތުން ދެފަރާތުން މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުން ބޭއްވީ ޑުބާއީ ޗެނަލްސް ނެޓްވާރކުގެ ހެޑްކުއަރޓާގައި އިއްޔެގެ ވަގުތެއްގައެވެ.

ޕަބްލިކްސަރވިސް މީޑިޔާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލާއި ކުންފުނީގެ ބައެއް ވެރިން ޑުބާއީ ޗެނަލްސް ނެޓްވާރކަށް ޒިޔާރަތް ކުރެއްވުމުން އެކުންފުނީގެ ފަރާތުން ބައްދަލުކުރެއްވީ ޑުބާއި ސްޕޯޓުސްގެ އިސްވެރިޔާ ރާޝިދު އަމީރީއެވެ. ޑުބާއީ ޓީވީގެ ޗެނަލްތައް ޕަބްލިކް ސަރވިސް މީޑިޔާއިން ރީބްރޯޑްކާސްޓްކުރުމާއި އެ ޗެނަލްތަކުގެ ކޮންޓެންޓް ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތަކުގަ ބޭނުންކުރުމާ ބެހޭގޮތުން ވަރަށްފުޅާ ދާއިރާއެއްގައި ދެފަރާތުން މިބައްދަލުވުމުގަ މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ޑުބާއީ ސްޕޯޓްސުން ފޮނުވާ ހުރިހާ ކޮންޓެންޓެއް ޕީއެސްއެމްގެ ޗެނަލްތަކުގައި ބޭނުންކުރުމާއި ރީބްރޯޑުކާސްޓްކުރުމުގެ ޙައްޤު ޕީއެސްއެމްއަށް ދެއްވާނެކަމުގެ ޔާގީންކަން ޑުބާއީ ސްޕޯޓްސްގެ އިސް ވެރިޔާ ރާޝިދު އަމީރީ ދެއްވިއެވެ. އަދި ޑުބާއީ ޓީވީގެ ޗެނަލްތަކުގެ ތެރެއިން ޕަބްލިކް ސަރވިސް މީޑިއާއަށް ބޭނުންވާ ހުރިހާ ޗެނަލެއް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤާއި އެޗެނަލްތަކުގެ ވަކިވަކި ޕްރޮގޮރާމްތައް ބޭނުންކުރުމުގެ ޙައްޤުވެސް ޕީއެސްއެމްއަށް ދެއްވާނެ ކަމަށް ރާޝިދު އަމީރި ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14901648050874.jpg|ޑުބާއީ ޗެނަލްސް ނެޓްވޯކަށް ޕީއެސްއެމްގެ ބައެއް ވެރިން ކުރެއްވި ޒިޔާރަތުގެ ތެރެއިން -

އަދި ރަމަޟާންމަހަށް ޚާއްޞަކޮށްގެން އުފައްދާ ޕްރޮގުރާމްތައް ދެއްކުމުގެ ޙައްޤު ޕީއެސްއެމްއަށް ދެއްވާނެ ކަމަށާއި މީގެތެރޭގައި ހިމެނޭ ރަމަޟާލް މަހަށް ޚާއްޞަކޮށްގެން ޑުބާއީގައި ބާއްވާ އެއް މުބާރާތް ކަމަށްވާ ބައިނަލްއަޤުވާމި ޤުރުއާން މުބާރާތް ޕީއެސްއިން ބޭނުންނަމަ ރީބްރޯޑްކާސްޓް ކުރެވިދާނެ ކަމަށާއި ރަމްޟާންމަހުގެ ތެރޭގައި ބާއްވާ ޤައުމީ ފުޓްސަލް މުބާރާތްވެސް ޕީއެސްއެމަށް ޙިއްޞާކުރައްވާނެ ކަމަށް ޑުބާއީސްޓްސްގެ އިސްވެރިޔާ ރާޝިދު އަމީރީ ވިދާޅުވިއެވެ. މީގެ އިތުރުންވެސް، ޕަބްލިކް ސަރވިސް މީޑިއާ އާއި ޑުބާއީ ޗެނަލްސް ނެޓްވާރކާ ގުޅިގެން މީޑިޔާގެ ތަރައްޤީއަށް ކުރެވިދާނެ މަސައްކަތްތަކާއި، ދެފަރާތް ގުޅިގެން އުފެއްދިދާނެ ޕްރޮގްރާމްތަކާ ބެހޭގޮތުން ޑުބާއީ ސްޕޯޓްސްގެ އިސްވެރިޔާއާއި ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑައިރެކްޓަރ މަޝްވަރާ ކުރެއްވިއެވެ. img:http://s3.psmnews.mv/images/660x400/14901648225960.jpg|ޑުބާއީ ޗެނަލްސް ނެޓްވޯކަށް ޕީއެސްއެމްގެ ބައެއް ވެރިން ކުރެއްވި ޒިޔާރަތުގެ ތެރެއިން -

ދިވެހިންނާއި ދިވެހީންގެ ޘަޤާފަތާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިތުރަށް އިޝްތިހާރުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން ޕަބްލިކް ސަރވިސް މީޑިއާއިން ޖަރުމަނުވިލާތުގެ އައިޓީބީ ފެއަރގައި ލޯންޗްކުރި މޯލްޑިވްސް ޓީވީއާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ. މޯލްޑިވްސްޓީވީ ޑުބާއީގައި ޕްރޮމޯޓްކުރުމަށް ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް ރާޝިދު އަމީރީ ވިދާޅުވިއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލާއި ޑިރެކްޓަރ އިންޖިނިއަރިންގ ޙުސައިން ޝުހާދާއި ޑިރެކްޓަރ އީ-ކޮމާރސް އެންޑް މާރކެޓިންގ އިބްރާހީމް ނަޞްރީން ޑުބާއީ ޓީވީއަށް މި ކުރެއްވި ޒިޔާރަތުގައި ޑުބާއީ ސްޕޯޓްސްގެ ސްޓޫޑިއޯތަކާއި މާސްޓަރ ކޮންޓްރޯލް ރޫމާއި ޕްރޮޑަކްޝަންގެ އެހެނިހެން ފެސިލިޓީސްތައް ބޭނުންކުރަމުން ދާގޮތާއި އެތަންތަނުގެ މަސައްކަތްތަށް ހިގަމުން އަންނަ ގޮތުގެ މަޢުލޫމާތު ޙިއްޞާކުރިއެވެ. އަދި ޑުބާއީ ސްޕޯޓްސްއިން މިހާރު ކުރިޔަށް ގެންދާ ޕްރޮޑަކްޝަންތަކާއި ކުރިޔަށް ރާވާފައިވާ މުހިންމު މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ޕީއެސްއެމްގެ ވެރިންނަށް ޙިއްޞާކުރިއެވެ. މި ބައްދަލުވުމުގައި ޑުބާއީ ސްޕޯޓްސްގެ އިސްވެރިޔާ ރާޝިދު އަމީރި ދެއްކެވި ވާހަކައިގައި ޒަމާނީ މީޑިއާ ކުންފުންޏަކަށް ޕަބްލިކް ސަރވިސް މީޑިއާ ބަދަލުކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށާއި އަލަށް ތަޢާރަފް ކޮށްފައިވާ ޚިދުމަތްތަކަށް ތަޢުރީފްކުރެއްވިއެވެ. އަދި ދާދި އަވަހަށް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށާއި ޑުބާއީގެ ޤައުމީ މީޑިއާ އާއި ދިވެހި ރާއްޖޭގެ ޤައުމީ މީޑިއާ އާއިމެދު ޚާއްޞަ ގުޅުންތަކެއް ޤާއިމުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޑުބާއީ ސްޕޯޓްސްގެ އިސްވެރިޔާ ރާޝިދު އަމީރީ ވިދާޅުވިއެވެ.