ކުޅިވަރު

ޒުވާން ކުޅުންތެރިންނަކީ ގައުމީ ޓީމްގެ އެންމެ ބޮޑު ހިތްވަރު


ފަލަސްތީނާ ދެކޮޅަށް ނިކުންނަ ގައުމީ ފުޓްބޯޅަ ޓީމްގައި ގިނަ ޒުވާން ކުޅުންތެރިން ހިމެނުމަކީ ރާއްޖޭގެ ޓީމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއްކަމަށް ގައުމީ ފުޓްބޯޅަ ޓީމްގެ އެސިސްޓެންޓް ކޯޗް އިސްމާޢީލް މަހުފޫޒް (އިންމަ) ބުނެފިއެވެ. 

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިޝޭކަންގައި ދިވެހިރާއްޖެއާއި ފަލަސްތީން ވާދަކުރާ މެޗަށް ގައުމީ ޓީމްގެ ފަރިތަކުންތަށް މިހާރު ފަށާފައިވާއިރު، މިފަހަރު ގައުމީ ޓީމަށްވަނީ ވަރަށް ގިނަ ޒުވާން ކުޅުންތެރިންތަކެއް ނަގާފައެވެ. ޕީއެސްއެމް ސްޕޯޓްއާއި ވާހަކަދައްކަމުން އިންމަ ބުނީ އެންމެ ފަހުން ދިވެހިރާއްޖެއާއި ފަލަސްތީން ވާދަކުރި މެޗްގައި ކުޅެފައިވާ ގިނަ ކުޅުންތެރިންތަކެއް މިހާރުގެ ގައުމީ ސްކޮޑްއިން ބާކީވެފައިވާކަމަށެވެ. އަދި ބައެއް މުހިންމު ކުޅުންތެރިންވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ ކަމަށް އިންމަ ބުނިފިއެވެ. އިންމަ ބުނީ ފަލަސްތީން ޓީމްވެސް މިހާރު އޮންނާނީ ވަރަށް ބޮޑަށް ބަދަލުވެފަކަމަށް ގަބޫލް ކުރެވޭ ކަމަށާއި ރާއްޖޭގެ ޓީމަށް ގިނަ ޒުވާން ކުޅުންތެރިންނަގައި ޓީމަށް މިއައި ބަދަލުތަކަކީ ލިބިފައިވާ ކުރިއެރުމެއް ކަމަށްވެސް އިންމަބުންޏެވެ.

"ޓީމް މިވަނީ ވަރަށް ބޮޑަށް އާވެފަ. ނަމަވެސް އަދިވެސް ގައުމީ ޓީމްގައި ޒުވާން ކުޅުންތެރިންނާ އެއްވަރަށް ތަޖްރިބާ ގިނަ ކުޅުންތެރިން އެބަތިބި. އައްސަދު އަލީ، އުމެއިރު، އަސަދުﷲ، ލިލީ، ހޮކޭ، ޝާފީ، ފާސިރު އަދި ބޮކުރީއަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިން. ފަލަސްތީން މެޗަށް ނިކުންނައިރު ރާއްޖޭގެ ޓީމްގައި މިއޮތީ މިހާރު ތަޖްރިބާ ގިނަ ކުޅުންތެރިންނާ ޒުވާނުން ކުޅުންތެރިންގެ މިކްސް ޓީމެއް. މިފަހަރު މިޓީމުން ތަފާތު ދައްކާނެ." އެސިސްޓަންޓް ކޯޗް އިސްމާޢީލް މަހުފޫޒް ބުންޏެވެ.

ދިވެހި ރާއްޖެއާ ފަލަސްތީން އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2014ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު އޭއެފްސީ ޗެލެންޖްކަޕްގައެވެ.