ވިޔަފާރި

"ބިޒްނަސް ސެންޓަރުތަކުގެ ސަބަބުން ކުދި ވިޔަފާރިތައް ކުރިއަރާނެ"


ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުގެ ނަމުގައި ވިޔަފާރިއާއި ބެހޭ ސެންޓަރުތައް ހިންގުމަށް ޙާއްޞަ ކުންފުންޏެއް ސަރުކާރުން އުފެއްދެވުމުން ކުދި ވިޔަފާރިތައް ކުރިއަރާ ވިޔަފާރިވެރިންނަށް ލިބޭ ނާފާ އިތުރުވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިޒް ޑިޕާޓްމެންޓްގެ ކެޕޭސިޓީ ބިލްޑިންގ ސްޕެޝަލިސްޓް އަހުމަދު މުމްތާޒު ވިދާޅުވީ، މާލޭގެ އިތުރުން އަތޮޅުތެރޭގައި ސަރުކާރުން ޤާއިމްކުރައްވާފައިވާ ބިޒްނަސް ސެންޓަރުތައް ދެމެހެއްޓެނިވި ގޮތަކަށް ހިންގަންޖެހޭކަމަށެވެ. އަދި މި ސެންޓަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގެން އަންނަނީ އެކަމަށް ޙާއްޞަ ކުންފުންޏެއް އުފައްދައިގެންކަން މުމްތާޒު ފާހަގަކުރެއްވިއެވެ. 

ހުޅުމާލޭގައި ބިޒްނަސް ސެންޓަރެއް ހެދުމަށް ނިންމަވާފައިވާ ކަމަށާއި މި ސެންޓަރު ތަރައްޤީކޮށް ނިމުމާއިއެކު ބިޒްނަސް ސެންޓަރުތަކުން ދޭ ޙިދުމަތްތަކާއި އަދި ކުދި ވިޔަފާރިތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދާނޭކަމަށް މުމްތާޒު ވިދާޅުވިއެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހަ ސަރަހައްދެއްގައި ސަރުކާރުން ވަނީ ބިޒްނަސް ސެންޓަރުތައް ޤާއިމްކުރައްވާފައެވެ. މި ސެންޓަރުތައް ސަރުކާރުން މިވަގުތު ހިންގަމުން އަންނަނީ ބައިނަލްއަޤްވާމީ ބައެއް މާލީ ދާއިރާގެ އެހީތެރިކަމާއިއެކުއެވެ.

ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިއާއި ބެހޭ ސެންޓަރުތައް ހިންގައި އަދި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް އައު ކުންފުންޏެއް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް" ނަމުގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައި ވަނީ އިއްޔެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އަލަށް އުފެއްދެވި މި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅާފައިވާ ދިވެހި ސަރުކާރު ސައްތައިން ސައްތަ ޙިއްޞާވާ ކުންފުންޏެކެވެ.