ޚަބަރު

ޓެކްސީ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ޓްރާންސްޕޯޓު އޮތޯރިޓީން މިހާރުވަނީ ޝަރުޠު ފުރިހަމަވާ އުޅަނދުތަކަށް ޓެކްސީ ހުއްދަ ދިނުމަށްޓަކައި، ޓެކްސީ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުއްވާލައްވާފައެވެ. 

އެއޮތޯރިޓީން ވިދާޅުވީ ޓެކްސީކުރުމަށް ހުއްދަދޭ އުޅަނދުގައި ދިއްލޭގޮތަށް އިނގިރޭސިބަހުން "ޓެކްސީ" ލިޔެފައިވާ ބޯޑެއް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅުއްވާފައިވާ މިންގަނޑަށް ޓެކްސީގެ ކުރިމަތިން ފެންނަން ހުންނަ ގޮތަށް ހަރުކޮށްފައި ހުންނަންވާނެ ކަމަށެވެ. އަދި މި ބޯޑުގެ ސައިޒާއި، ބޯޑުގައި ބޭނުންކުރާ ފޮންޓާއި، އެ ފޮންޓުގެ ސައިޒާއި، ބޯޑުގެއަލި ދުރަށް ފެންނަން ހުންނަ މިންގަނޑު ހުންނަންވާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅުއްވާ މިންގަނޑުތަކާ އެއްގޮތަށްކަމަށެވެ. 

ޓެކްސީ ކުރާ އުޅަނދުގެ އެތެރެއާއި ބޭރު، އެއްގަމު އުޅަނދު ރޯޑްވާދިނަސް ހެދުމުގެ ޤަވާއިދުގެ މިންގަނޑުތަކަށް ފެތުމާއެކު، އެއަރކޮންޑިޝަން ކޮށްފައިވާ އުޅަނދަކަށްވާން ޖެހެއެވެ. އަދި ޓެކްސީކުރާ އުޅަނދަކީ އުފެއްދި ތާރީޚުން ފެށިގެން ދިހަ އަހަރު ނުވާ ހަތަރު ދޮރުފަތްލީ، ޖާގައިގެ ގޮތުން ތަނަވަސް ޑިކީ ހުރި ކާރު ކަމުގައިވާން ޖެހޭނެ ކަމަށްވެސް ޓްރާންސްޕޯޓު އޮތޯރިޓީން ވިދާޅުވެއެވެ.

ޓެކްސީ ލައިސަންސް ދޫކުރާނީ އެކަމަށް އެދި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ، ފުރިހަމަކޮށްފައިވާ ފޯމާއެކު އުޅަނދުގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއަކާއި، ރަޖިސްޓަރީކުރާ ޓެކްސީ ސެންޓަރުގެ ލިޔުމަކާއި، އުޅަނދުގެ ރަޖިސްޓަރީގެ އަސްލާއި, އަހަރީ ފީ ދެއްކި ކަމުގެ ސްލިޕަކާއި، އިންޝުއަރެންސް ކުރިކަމުގެ ލިޔުންމަކާއި، ސަތޭކަ ރުފިޔާގެ ރެވެނިޔު ސްޓޭމްޕުގެ އިތުރުން ޓެކްސީގެ ލައިސްންސްގެ ފީ ކަމުގައިވާ، ފަންސާސް ހާސް ރުފިޔާ ދެއްކުމުން ކަމަށް ވެސް ޓްރާންސްޕޯޓު އޮތޯރިޓީން ހާމަކުރައްވައެވެ. 

މާލޭގައި ޓެކްސީގެ ޚިދުމަތްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ޓްރާންސްޕޯޓު އޮތޯރިޓީއަށް ޓެކްސީ ހުއްދައަށް އެދި ހުށަހެޅަންޖެހޭނެ ކަމަށްވެސް އެ އެއޮތޯރިޓީން ވިދާޅުވެއެވެ.