ޚަބަރު

"އަހަރަކު އެވްރެޖްކޮށް 6000 މުވައްޒަފުންނަށް ތަމްރީނު ދެއްވޭ"


ކޮންމެ އަހަރަކު އެވްރެޖްކޮށް 6000 މުވައްޒަފުންނަށް ތަމްރީނު ދެއްވަމުން ގެންދަވާކަމަށް ސިވިސް ސަރވިސް ޓްރެއިންގ އިންސްޓިޓިއުޓުން ވިދާޅުވެއްޖެއެވެ. 

އެއިންސްޓިޓިއުޓުން ވިދާޅުވީ ސިވިލް ސަރވަންޓުންގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ. ސިވިސް ސަރވިސް ކޮމިޝަންގެ ދަށުން ހިނގަމުންއަންނަ ސިވިލް ސަރވިސް ޓްރެއިންގ އިންސްޓިޓިއުޓުން ގެންދަވަނީ ސަރުކާރާއި ދަޢުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ފެންވަރު މަތި ކުރެއްވުމުގެ ގޮތުން ތަފާތު އެކި ތަމްރީމް ޕްރޮގްރާމްތައް ހިންގަވަމުންނެވެ. މީގެތެރޭގައި ދިގު މުއްދަތުގެ ކޯސްތައްވެސް ހިމެނެއެވެ. އެ އިންސްޓިޓިއުޓުން ތިން ގޮތަކަށް ތަމްރީން ޕްރޮގްރާމްތައް ހިންގަމުން ގެންދެއެވެ. 

މީގެތެރޭގައި އޮފީސްތަކުގެ މުވައްޒަފުންނަށް އެންމެ މުހިންމު ވަނީ ކޮންކަހަލަ ތަމްރީން ޕްރޮގްރާމްތަކެއްތޯ ބައްލަވައި ހިންގަވާ ޕްރޮގްރާމްތައް ހިމެނެއެވެ. މިފަދަ ޕްރޮގްރާމްތައް ހިންގަވަނީ އެ އިންސްޓިޓިއުޓުން ނެރޭ، ކުރިއަށް އޮތް އަހަރުގެ ޓްރެއިންގ ޑައިރެކްޓްރީގައި ހިމަނުއްވައިގެންނެވެ. ސިވިލް ސަރވިސް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ފާޠިމަތު ޙަބީބާ ވިދާޅުވީ، ޓްރެއިންގ ޑައިރެކްޓްރީގައި ޝެޑިއުލްކުރައްވާފައި ނެތް ނަމަވެސް އޮފީސްތަކުން ބޭނުންވެއްޖެ ހިނދެއްގައި އެހެން ޕްރޮގްރާމްތައްވެސް ކުރިއަށް ގެންގޮސްދެއްވާކަމަށެވެ.

"ތައްޔާރުކުރެވޭ ޓީއެންއޭއަށް ބޭސްކޮށްގެން އަޅުގަނޑުމެން ޓްރެއިނިންގ ޑައިރެކްޓްރީ ކޮންމެ އަހަރަކުވެސް އެބަނެރެން. މިހާރު ޑައިރެކްޓްރީ ނެރޭތާވެސް ފަސް އަހަރު ވެއްޖެ. މިޑައިރެކްޓްރީގައި އަޅުގަނޑުމެން ކުރިއަށް އޮތް އަހަރަށް ޕްލޭން ކުރެވިގެން ކުރިއަށްގެންދާނެ ހުރިހާ ޕްރޮގްރާމެއް ހިމެނިފައިވާނެ. ދެން އޭގެއިތުރުން ސިވިލް ސާރވިސްގެ އިދާރާތަކާ އަދި ސަރުކާރުގެ އެހެނިހެން މުވައްސަސާތަކުން އަޅުގަނޑުމެންނަށް ރިކުއެސްޓްކޮށްގެން އަޅުގަނޑުމެންގެ ހުރި ޕްރޮގްރާމްތަކުގެ ތެރެއިން ބޭނުން ޕްރޮގްރާމެއް ކުރިއަށްގެންދެވިދާނެ. މީގެއިތުރުންވެސް އަޅުގަނޑުމެން ހުންނާނެ މިހާރުވެސް ކަސްޓަމައިޒް ޕްރޮގްރާމްތަކެއް ނޫނީ އެތަނަކުން އެދިގެން ބޭނުންވާ ގޮތަކަށް ހަމަ ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފަ." 

ސިވިލް ސަރވިސް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ފާތިމަތު ޙަބީބާ ވިދާޅުވިއެވެ. 

ސިވިސް ސަރވިސް ޓްރެއިންގ އިންސްޓިޓިއުޓުން މިދިޔަ އަހަރު އެންމެ ގިނައިން ހިންގި ޕްރޮގްރާމަކީ "އޮފީސް ދިވެހި" ޕްރޮގްރާމެވެ. މި ޕްރޮގްރާމަކީ މުވައްޒަފުންގެ ދިވެހިބަހުގެ ފެންވަރު ރަނގަޅުކުރުމާއި، މަސައްކަތުގެ މާޙައުލުގައި ދިވެހި ބަސް ބޭނުންކުރާނެ ގޮތްތަކާބެހޭގޮތުން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ.