ކުޅިވަރު

ރިއަލް މެޑްރިޑާ 2 ޕޮއިންޓް ކައިރިއަށް ބާސެލޯނާ ޖެހިލައިފި


ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ވެލެންސިޔާގެ މައްޗަށް ކުރި ހޯދައި ބާސެލޯނާއިން ސްޕެނިސް ލީގު ތާވަލްގެ އެއްވަނާގައި އޮތް ރިއަލް މެޑްރިޑާ 2 ޕޮއިންޓް ކައިރިއަށް ޖެހިލައިފިއެވެ. 

ރޭގެ މެޗްގައި ވެލެންސިޔާގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދީ 4 ލަނޑު 2 ލަނޑުންނެވެ. ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗްގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެލެންސިޔާއިންނެވެ. މި ލަނޑު މެޗްގެ 29 ވަނަ މިނެޓްގައި ޑިފެންޑަރ މަންގަލާ ކާމިޔާބުކޮށްދީފައިވަނިކޮށް ބާސެލޯނާއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ 35 ވަނަ މިނެޓްގައި ލުއިސް ސުވަރޭޒްއެވެ. 

ފުރަތަމަ ހާފްގެ 44 ވަނަ މިނެޓްގައި ވެލެންސިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ކުށަކާ ގުޅިގެން ބާސެލޯނާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ކުށާ ގުޅިގެން ވެލެންސިޔާގެ މަންގަލާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ މެސީ، ބާސެލޯނާއަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިން ނަމަވެސް ފުރަތަމަ ހާފް އިތުރު ވަގުތުގައި ވެލެންސިޔާގެ މުނީރް އަލް ޙަދާދީ ވަނީ މެޗްގެ ނަތީޖާ އަނެއްކާވެސް ވެލެންސިޔާއަށް ހަމަހަމަކޮށްދީފައެވެ. ދެވަނަ ހާފްގެ ހަތްވަނަ މިނެޓްގައި މެސީ، ބާސެލޯނާއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިންއިރު 4 ވަނަ ލަނޑު މެޗްގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަންދްރޭ ގޯމޭޒްއެވެ. 

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބާސެލޯނާ ތާވަލްގެ ދެވަނާގައި އޮތީ 63 ޕޮއިންޓާއެކުއެވެ. ބާސެލޯނާއަށްވުރެ 1 މެޗް މަދުން ކުޅެގެން ތާވަލްގެ އެއްވަނާގައި އޮތް ރިއަލް މެޑްރިޑަށް ލިބިފައިވަނީ 65 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ވެލެންސިޔާ އޮތީ ތާވަލްގެ 14 ވަނާގައި 30 ޕޮއިންޓާއެކުއެވެ.