ކުޅިވަރު

ޤައުމީ ޓީމްގައި މެދުނުކެނޑި 15 އަހަރު، މަދުވަނީ ރަން މެޑަލް


ވޮލީބޯޅަ ކުޅުންތެރިންގެ ތެރެއިން އިންޓަރނޭޝަނަލް 5 މެޑަލް އޮތީ އެންމެ ކުޅުންތެރިއެއްގެ އަތުގައެވެ. އެއީ ޤައުމީ ޓީމްގެ ތަޖުރިބާ އެންމެ ބޮޑު ކުޅުންތެރިޔާގެ އަތުގައެވެ. މެދު ނުކެނޑި ޤައުމީ ވޮލީ ޓީމްގައި 15 އަހަރު ހޭދަކޮށް އަދިވެސް ޓީމްގައި ދެމިހުރި އިސްކޮޅުން ދިގު ބާރު ޖެހުންތެރިޔާ އަހުމަދު އަބުދުލްކަރީމް (ލޯންގޭ) އަތުގައި ރާއްޖޭގެ މުބާރާތްތައް ފިޔަވައި 5 މެޑަލް އެބައޮތެވެ.

އެންމެ ފުރަތަމަ އޭނާ މެޑަލް ހޯދީ އެއަޕޯރޓްސް ކޮމްޕެނީގެ ޓީމާއެކު ލަންކާގައޮ އޮތް އިންވިޓޭޝަނަލް ކްލަބް މުބާރާތަކުންނެވެ. އޭގެފަހުން 2013 ވަނަ އަހަރު ނޭޕާލްގައި ޤައުމީ ޓީމް ފުރަތަމަ މެޑަލް ހޯދިއިރު އެޓީމްގައި ލޯންގޭ މުޙިއްމު ދައުރެއް އަދާކުރިއެވެ. 2015 ވަނަ އަހަރު ބަނގް؛ަދޭޝްގައި ކުޅެ މެޑަލް ހޯދި ޓީމާއި، 2016 ވަނަ އަހަރު ލޯ މެޑަލް ހޯދި ޓީމްގައިވެސް ލޯންގޭއަކީ މުޙިއްމު ކުޅުންތެރިއެކެވެ. މީގެއިތުރުން 2016 ވަނަ އަހަރު މެލޭޝިޔާގައި އޮތް އިންވިޓޭޝަނަލް މުބާރާތަކުން ލޯ މެޑަލް ހޯދިއިރުވެސް ލޯންގޭގެ ބާރު ބޯޅަތައް އެހީވިއެވެ. ނަމަވެސް މިއިން އެއްވެސް ފަހަރަކު ރަން މެޑަލް ހޯދިފައިނުވާތީ އޭނާގެ ދިގު ކެރިއަރ ނިންމާލަން ބޭނުންވަނީ ރަން މެޑަލް ހޯދައިގެންނެވެ. އެކަމަށް އޮތް އެންމެ ފަހި ފުރުޞަތަކީ ކުރިމަތީގައި އޮތް އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްކަޕަށް ލޯންގޭ ޤަބޫލުކުރެއެވެ.

ކުރިއަށް އޮތް މުބާރާތާ މެދު ކުރެވޭ އުއްމީދު ބޮޑުވަނީ ރާއްޖޭގައި މުބާރާތް ކުޅޭތީއެވެ. ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި މުބާރާތް ކުޅޭއިރު، ޓީމް ރަނގަޅު ތައްޔާރުވެފައި އޮތުމަކީ ރަން މެޑަލްއަށް ކުރާ އުއްމީދު ބޮޑު ސަބަބެއްކަމަށް އަހުމަދު އަބުދުލްކަރީން ބުންޏެވެ. އޭނާއަކީ މިހާރުވެސް ޤައުމީ ޓީމްގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔާއެވެ. ޓީމުން ޖާގަ ލިބުންފަހުން އޭނާއަށް ޓީމުން ފުރުޞަތެއް ނުގެއްލެއެވެ.

އެހެންކަމުން ތަޖުރިބާކާރު ކުޅުންތެރިޔާ މިހާރު ހުރީ ޓީމާ ދުރުވުމުގެ ވިސްނުމެއްގައެވެ. ނަމަވެސް ދުރަށްދާން ބޭނުންވަނީ މަދުވާ މެޑަލް ކަރުގައި އަޅުވައިގެންނެވެ.

" އެއީ ގާތްގަނޑަކަށް ފަނަރަ އަހަރު މިވީ މެދުނުކެނޑި ޤައުމީ ޓީމާއެކު އުޅޭތާ. ދެން އެކަމް މަދުވާ އެއްޗަކީ ގޯލްޑްކަމަށްވާތީ، އިރާދަކުރެއްވިއްޔާ ގޯލްޑް މެޑަލް ހޯދައިގެން ހުއްޓާލުމުގެ އުއްމީދުގައި މިހުރީ. " ކުރިއަށް އޮތް މުބާރާތަށް ލޯންގޭގެ އުއްމީދުތައް ބޮޑެވެ.

ލޯންގޭގެ އިތުރުންވެސް ދެ އަހަރެއްގެ ތެރޭގައި ޤައުމީ ޓީމުން ރިޓަޔަރ ކުރަންވެފައި ތިބި ކުޅުންތެރިންތަކެއް އެބަތިއްބެވެ. އެއީ ޒުވާން ކުޅުންތެރިންވެސް އުފެދި ޓީމުން ޖާގަ ހޯދަމުންވެސް ދާތީއެވެ. ނަމަވެސް ހުރިހާ ކުޅުންތެރިންގެވެސް އުއްމީދަކީ ރަން މެޑަލް ހޯދައިގެން ޓީމާ ވަކިވުމެވެ.