ކުޅިވަރު

ނުފޫޒުގަދަ ސެޓަރެއް ހުރުން، ކޯޗަށް ބޮޑު ހިތްހަމަޖެހުމެއް!


" ރަނގަޅު ސެޓަރަކާއި، ލިބަރޯއެއް ނެތި މެޗަކުން މޮޅުވާނެގޮތެއް އަޅުގަނޑަކަށް ނުވިސްނޭ " ސެޓަރުގެ މުޙިންމުކަމާއި ގުޅޭގޮތުން ޤައުމީ ވޮލީ ޓީމްގެ ކޯޗު މުޙައްމަދު ޝަރަފްގެ ކުރު ޖަވާބަކީ މިއީއެވެ. 

އަދި ކުރިއަށް އޮރް އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝޕަށް ރާއްޖޭގައި ރާއްޖޭގެ ޓީމް ނިކުންނައިރު ކޯޗަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކޯވެސް މިއީއެވެ. ރަނގަޅު އެޓޭކަކާއެކު ރަނގަޅު ނުފޫޒުގަދަ ސެޓަރެއް ހުރުމަކީ ރަން މެޑަލް ހޯދަން އަޒުމް ކަނޑައަޅާފައިވާ ދިވެހި ވޮލީ ޓީމްގެ ކޯޗިންގ ޓީމަށް އޮތް ބޮޑު ހިތްހަމަ ޖެހުމެކެވެ. އެޓޭކް ކުރަން ތިބި ކުޅުންތެރިންނަށްވެސް އޮތް ބޮޑު ޔަޤީންކަމެކެވެ. ސެޓަރެއްގެ މުޙިއްމުކަން ފާހަގަކުރަމުން ކޯޗު ޝަރަފް ބުނީ ސެޓަރެއް މޮޅު ރަނގަޅު ސެޓަރަކަށް ވަނީ ރަނގަޅު ފެންވަރަކަށް ކުޅޭތާ ދިހަ އަހަރުން ފަހުން ކަމަށެވެ. 

މެންޓަލިޓީ ރަނގަޅުވެސް ސެޓަރެއް ފުރިހަމަވާން އެހ ދުވަސް ނަގާ ކަމަށާއި، ރަނގަޅު ސެޓަރުން އުފައްދަން ފަނަރަ ސޯޅަ އަހަރުގައި ސެޓަރުން އުފައްދަން ސެޓަރުން ލައްވާ ރަނގަޅަށް ކުޅުވަން ޖެހޭކަމަށެވެ. 

" އިޝާންއަކީ އުޝާންގެ އުމުރުން ފަނަރަ ސޯޅަ އަހަރުގައި ސެޓަރަކަށް ކުޅެން ފެށި ކުއްޖެއް. މިއަދު އިޝާން އެހުރީ ރަނގަޅު ސެޓަރަކަށް ވެފަ. މިޓީމްގެ ގޮވައިގެން މިއަދު ނަތީޖާ ނެރެން ނިކުންނައިރުގަ އަޅުގަނޑުމެންގެ މުޅީ ޓީމް މިބިނާކުރަނީ އިޝާންގެ މައްޗަށް. ބަޓިޝްއަކީ މިރީޖަންއަށް ބެލިއަސް ސްކިލް ވައިސް ރަނގަޅު ސެޓަރެއް، ބްލޮކް ތަންކޮޅެއް ތިރިކަމުގައިވިޔަސް. އޭނަގެ ލީޑަރޝިޕާއި، އޭނަގެ މެންޓަލިޓީއާއި، އޭނަ ރީޑްކުރާވަރާއި، މުޅި މެޗު އޭނަ ކޮންޓްރޯލް ކުރާވަރާއި، އެއީހަމަ ތަފާތުތަކެއް އަޅުގަނޑުމެންނަށް ފެނިގެންދާނެ. އެހެން ސެޓަރުންނާވެސް އަޅުގަނޑު ދަންނަވާނީ މުބާރާތުގައި ހަމަ ބަޓިޝް ތަފާތުވާނޭ " ރާއްޖޭގެ ސެޓަރަށް އޮތް އިތުބާރު ހާމަކުރަމުން ކޯޗު ޝަރަފް ބުންޏެވެ.

ޤާއުމީ ޓީމްގެ ކެޕްޓަން އިޝާން މުޙައްމަދު (ބަޓިޝް) ވެސް ހުރީ އިތުބާރާއެކުގައެވެ. ރާއްޖޭގައި ކުޅޭ މުބާރާތުން ރަން މެޑަލް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ. މިދިޔަ އަހަރުތަކުގައި ޤައުމީ ޓީމް ހޯދި ކާމިޔާބީ ތަކުގައި މުހިއްމު ދައުރެއް އަދާކުރި ސެޓަރު ބުނީ ރައްޔިތުންގެ ސަޕޯޓާއެކު މިފަހަރު ތަށި ރާއްޖޭގައި ބެހެއްޓުން ނޫން ވިސްނުމެއް ނެތްކަމަށާއި، އެކަން ވާނެކަމަށެވެ.

" އަޅުގަނޑުމެންގެ އޮތީ އެންމެ އަމާޒެއް. އެއީ މިމުބާރާތަކީ ރާއްޖޭގައި ބާއްވާ މުބާރާތަކަށް ވުމުން އަޅުގަނޑުމެން ބޭނުންވަނީ މިޤައުމުގައި މުބާރާތުގެ ތަށި ބަހައްޓަން. ހުރިހާ ކުޅުންތެރިންވެސް ތިބީ އެއަޒުމުގައި. އެކަންވާނީ ރައްޔިތުންގެ ހެޔޮދުއާއާއި ތަރުހީބި ލިބިގެން " ބަޓިޝް ބުނެފައިވެއެވެ. 

ބަޓިޝްގެ ނުފޫޒާއި، ތަޖުރިބާއާއި، ހުނަރުވެރިކަމާއެކު ހިއްލާލ ބޯޅަތަކުގެ އެހީގައި ހޯދާ ޕޮއިންޓްތަކުން މިފަހަރުގެ ތަށި ރާއްޖޭގައި ބެހެއްޓުމުގެ އުއްމީދު ބޮޑެވެ. އަދި ޒުވާން ސެޓަރުންވެސް އުފެދެމުންދާތީ ކުރިމަގަށް ކުރެވޭ އުއްމީދުވެސް ބޮޑެވެ.