ވިޔަފާރި

ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް އައު ކުންފުންޏެއް އުފައްދަވައިފި


ދިވެހިރާއްޖޭގެ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކާ ބެހޭ ސެންޓަރުތައް ހިންގައި އަދި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އައު ކުންފުންޏެއް އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އަލަށް އުފެއްދެވި މި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅާފައިވާ ދިވެހި ސަރުކާރު ސައްތައިން ސައްތަ ޙިއްޞާވާ ކުންފުންޏެކެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސޮއިކުރައްވާ މިއަދު ނެރުއްވި ޤަރާރުގައި ވަނީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ނަމުގައި އަލަށް އުފެއްދެވި ކުންފުނީގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ހިންގާ ކުދި ވިޔަފާރިތަކާއިި، މެދުފަންތީގެ ވިޔަފާރިތަކާ ބެހޭ ސެންޓަރުތައް ހިންގައި އަދި ވިޔަފާރީގެ ދާއިރާ ކުރިއެރުވުންކަމަށެވެ.

މި ޤަރާރުގައި ވަނީ އަލަށް އުފެއްދެވި ކުންފުނީގެ ޖުމްލަ ރައުސުލްމާލަކީ ޙިއްޞާއެއް 10 ރުފިޔާގެ މަގުން ފަސްމިލިއަން ޙިއްޞާގެ މައްޗަށް ބަހާލެވިފައިވާ ފަންސާސް މިލިއަން ރުފިޔާ ކަމަށެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް މި ކުންފުންޏަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ގޮތުން އަމިއްލަ ޝަޙްސެއް ކަމަށްވެސް ރައީސްގެ ޤަރާރުގައި ބަޔާންކުރައްވާފައިވެއެވެ.