ވިޔަފާރި

ބޮސްޓަން ފެއަރއާއެކު އެޓޯލް ބްރޭންޑް ދުނިޔޭގެ ބާޒާރަށް!


އެމެރިކާގެ ބޮސްޓަންގައި ބާއްވާ "އިންޓަރނޭޝަނަލް ބޮސްޓަން ސީފުޑް ޝޯވ" ގައި މިފްކޯއިން ބައިވެރިވެއްޖެއެވެ. މިމަހުގެ ނަވާރައިން އެކާވީހުގެ ނިޔަލަށް ކުރިއަށްދާ މި ފެއަރގައި މިފްކޯއިން އެންމެ ބޮޑު އިސްކަމެއް ދެނީ އެކުންފުނިން ބައިނަލްއަޤުވާމީ ބާޒާރަށް ޚާއްސަކޮށްގެން ތަޢާރަފްކޮށްފައި "އެޓޯލް ބްރޭންޑް"ގެ މަސްދަޅު އިޝްތިހާރުކުރުމަށް ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. 

2014 ވަނަ އަހަރު މިފްކޯގެ ފަރާތުން މުޅިން އަލަށް މި ފެއާގައި ބައިވެރިވިއިރު، މައިގަނޑު ގޮތެއްގައި މިފެއާގައި ބައިވެރިކޮށް އިޝްތިހާރު ކޮށްފައިވަނީ ރީނދޫ އުރަހަ ކަންނެއްޔާއި އެއިން ތައްޔާރުކުރާ އެކިއެކި ބާވަތްތަކެވެ. މި ފެއާގައި އެޓޯލް ބުރޭންޑު އިޝްތިހާރުކުރުމުގެ އިތުރަށް ރީނދޫ އުރަހަ ކަންނެލީގެ މާކެޓު އިތުރަށް ފުޅާކޮށް، ރީނދޫ އުރަހަ ކަންނެލިން އުފައްދާ މަހުގެ ބާވަތެއްކަމުގައިވާ "ލޮއިންސް"އަށް ބާޒާރުގައި އެކަށޭނަ ޖާގަ ހޯދުމާއެކު ރަނގަޅު އަގުތަކެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.  

"އިންޓަރނޭޝަނަލް ބޮސްޓަން ސީފުޑް ޝޯވ"އަކީ ބައިނަލްއަޤުވާމީ މަސްވެރިކަމުގެ ސިނާޢަތުގެ ޙަރަކާތްތެރިވާ ގިނަ ފަރާތްތަކެއްގެ އުފެއްދުންތައް ދައްކާލުމުގެ ގޮތުން މުޅި ދުނިޔޭގައިވެސް ބާއްވާ އެންމެ ބޮޑު އެއް ފެއަރއެވެ.

img:http://s1.psmnews.mv/images/660x400/14899451389872.jpg|ބޮސްޓަން ފެއާގައި ބަހައްޓާފައި ހުރި މިފްކޯގެ ސްޓޯލުން މީހަކު މަޢުލޫމާތު ސާފުކުރަނީ / ފޮޓޯ: މިފްކޯ

ދުނިޔޭގެ އެކި ކަންކޮޅުތަކުން 900 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވާ މިފެއާގައި ކުރީ އަހަރެކޭވެސް އެއްގޮތަށް މިފްކޯއިން ދިވެހި މަސްވެރިކަމުގެ ތަފާތު އުފެއްދުންތައް ބައިވެރިކޮށްފައިވެއެވެ. އެގޮތުން ފިނިކުރި މަހާއި، ހިކިކަނޑުމަހުގެ ބާވަތްތަކާއި، ދަޅުމަހުގެ ބާވަތްތަކުގެ އިތުރުން މަހުން ތައްޔާރުކުރެވޭ އެކިއެކި ކާނާގެ ބާވަތްތައް ބޮސްޓަން ފެއާގެ ތެރޭގައި އިޝްތިހާރު ކުރެވިގެންދާނެކަމަށް މިފްކޯއިން ބުނެއެވެ. އަދި މީގެއިތުރުން ރާއްޖޭގައި ކުރަމުން އަންނަ ދެމެހެއްޓެނިވި މަސްވެރިކަމާ ގުޅޭ ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމާއެކު، ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚާ ބެހޭގޮތުން ފެއާގެ ބައިވެރިން ހޭލުންތެރިކުރުވުމަށްވެސް ޚާއްސަ ސަމާލުކަމެއް މި ފެއާތެރެއިން ދޭނެކަމަށްވެސް މިފްކޯއިން ބުނެއެވެ.

މި ފެއާގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި ބައިނަލްއަޤުވާމީ މަސްވެރިކަމުގެ މައިދާނުގައި ހަރަކާތްތެރިވާ ސިނާޢީ އެކިއެކި ކުންފުނިތަކާއި، މަހުގެ ބާވަތްތައް ބަންދުކޮށް ބައިނަލްއަޤުވާމީ މާރކެޓަށް ވިއްކުމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، މަސްވެރިކަމުގެ އާލާތްތަކާއި މި ނޫންވެސް މަސްވެރިކަމާގުޅޭ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ހިމެނެއެވެ.