ޚަބަރު

ފަތުރުވެރިކަމާބެހޭ ލިއުންތެރިންގެ ބައްދަލުވުމެއް ރާއްޖޭގައި


ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔެއަށް އިސްތިހާރުކުރުމަށް ދިވެހި ސަރުކާރާ ގުޅިގެން ފަތުރުވެރިކަމާއި ބެހޭ ލިއުންތެރިންގެ ބައްދަލުވުމެއް، ވަރލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސްގެ ނަމުގައި ބޭއްވުމަށް ޕަބްލިކް ސަރވިސް މީޑިއާއިން ނިންމައިފިއެވެ.

ވަރލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމާއި ގުޅޭގޮތުން ޕަބްލިކް ސަރވިސް މީޑިއާގެ އިސްވެރިން ވަނީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާ މިއަދު ބައްދަލުކުރައްވާފައެވެ. ޓޫރިޒަމް މިނިސްޓްރީގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޙަލީލް އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ފަރާތުން ވަނީ، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމާއި ދުނިޔޭގެ މަޝްހޫރު ނަންހިނގާ ޓްރެވަލް ލިއުންތެރިންނަށް އަމާޒްކުރައްވައިގެން، ވަރލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސެއް ބެއްވުމުގެ މުހިއްމުކަމާއި ބެހޭގޮތުން ވާހަކަދައްކަވާފައެވެ. މި ބައްދަލުވުމުގައި ވަރލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސް ކުރިއަށްގެންދާނެގޮތާއި، ކޮންފަރެންސްގައި އެކުލެވިގެންވާނެ ބައިތަކާއި ބެހޭ މަޢުލޫމާތު ޕީއެސްއެމްގެ ފަރާތުން ޓޫރިޒަމް މިނިސްޓަރާ ވަނީ ހިއްސާކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ޕަބްލިކް ސަރވިސް މީޑިއާއިން މިފަދަ ކަމަކަށް އިސްނެންގެވުމަކީ އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް އެތަކެއް މަންފާތަކެއް ކުރާނެކަމެއް ކަމަށެވެ. މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވަނީ، ވަރލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީއާއި ޓޫރިޒަމް ސިނާއަތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނޭކަމުގެ ޔަގީންކަން އަރުވާފައެވެ.

img:http://s1.psmnews.mv/images/660x400/14899378011342.jpg|އިކޮނޮމިކް މިނިސްޓަރާއެކު ޕީއެސްއެމްގެ އިސް ފަރާތްތަކުން ބޭއްވެވި ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމްގެ ވެރިން މިއަދު ވަނީ ވަރލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސާއި ބެހޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުއާވެސް ބައްދަލުކުރައްވާފައެވެ. އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ވަރލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސް ކުރިއަށްގެންދިއުމަށް މިހާރު ވިސްނާފައިވާގޮތް ޕީއެސްއެމުން ހިއްސާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، ވަރލްޑް ޓްރެވަލް ރައިޓަރސް ކޮންފަރެންސް ކުރިއަށްގެންދިއުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. މިގޮތުން އިންވެސްޓް މޯލްޑިވްސް ގެ ބައިވެރިވުމާއިއެކު މި ކޮންފަރެންސް ކާމިޔާބު ކޮންފަރެންސަކަށް ހައްދަވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ލިއުންތެރިންގެ ޙާއްސަ ކޮންފަރެންސެއް ބޭއްވުމަށް ޕީއެސްއެމްއިން ތައްޔާރުވަމުންދާއިރު، މިއީ މިފަދަ ކޮންފަރެންސެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލައިގެން ފަތުރުވެރިކަމާއި ބެހޭ ލިއުންތެރިންގެ ޙާއްސަ ކޮންފަރެންސެއް ބޭއްވުމަކީ އެކަމުގެ ސަބަބުން މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މުޅި ދުނިޔެއަށް އިސްތިހާރުކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށް ޕީއެސްއެމްއިން ދެކެއެވެ.