ޚަބަރު

ފިތުނަ އުފެދޭގޮތަށް ލިޔުންތައް ލިޔާ ނޫސްވެރިނާމެދު ފިޔަވަޅުއަޅަނީ


ރާއްޖޭގައި ނޫސްވެރިކަމުގައި އުޅޭ ބައެއް މީހުން ޓެރަރިޒަމަށް ހިތްވަރުލިބޭ ލިޔުންތައް ލިޔަމުންދާކަމަށާއި އެ ފަދަ މީހުންނާމެދު ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން ދެއްވައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ އަމާންކަން ނަގާލައި، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި، ދައުލަތުގެ އިސްވެރިންނާއި މުއައްސަސާތަކުގެ އިސްވެރިންނާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދުމަށް ބައެއް ނޫސްވެރިން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ރައްޔިތުންގެ އެއްބައިވަންތަކަން ނަގާލައި، ދައުލަތުގެ ތިން ބާރުގެ އަގު ވެށްޓޭގޮތަށް ބައެއް ނޫސްތަކަށް ލިޔާ ނޫސްވެރިން މަސައްކަތް ކުރަމުންދާ ދިއުމަކީ ޓެރަރިޒަމަށް ހިތްވަރުލިބޭ ޢަމަލަކަށްވާތީ މިހާރުން މިހާރަށް އެމަސައްކަތްތައް ހުއްޓާލުމަށް ކްރިމިނަލް ކޯޓުން ވަނީ ގޮވާލައްވާފައެވެ. އަދި ދައުލަތުގެ ޢަމަން އަމާންކަމަށް ބުރޫ އަރާފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ކްރިމިނަލް ކޯޓުން ނެރުއްވި ބަޔާނުގައިވެއެވެ.