ކުޅިވަރު

ޓްރެއިނިންގ ކޭމްޕް ކާމިޔާބު، ޓީމް ތައްޔާރު!


ޤައުމީ ވޮލީ ޓީމް ތައިލޭންޑްގައި ކުރި ކޭމްޕުން ހާސިލްކުރަން ބޭނުންވި ހުރިހާކަމެއް ހާސިލްވިކަމަށާއި، ޓީމް އޮތީ ކުރިއަށް އޮތް އޭޝިއަން ސެންޓްރަލް ޒޯން ވޮލީ ބޯލް ޗެމްޕިއަންޝިޕަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށް ޤައުމީ ޓީމްގެ ކޯޗް މުޙައްމަދު ޝަރަފް ބުނެފިއެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީ ބޯލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ޤައުމީ ޓީމް ތައިލެންޑަށް ކުރި ކޭމްޕަށް ފަހު މިއަދު އެނބުރި އައިސް ޝަރަފް ބުނީ ޓްރެއިނިންގ ކޭމްޕްގައި ކުޅުންތެރިން ބުރަކޮށް މަސައްކަތްކޮށް ނަތީޖާ ހާޞިލްކުރިކަމަށެވެ. ހުރިހާ ވަގުތެއްގައިވެސް މުޅި ޓީމް ސީދާ ވޮލީއަށް، ކުރިއަށް އޮތް މުބާރާތަށް ވިސްނައިގެން މަސައްކަތްކުރިކަމަށް ޝަރަފް ބުންޏެވެ. 

މިކޭމްޕްގައި ޤައުމީ ޓީމް ވަނީ ތައިލެންޑްގެ ޓީމްތަކާއެކު 6 މެޗު ކުޅެފައެވެ. ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗް ޤައުމީ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ޤައުމީ ޓީމުން ކުޅުނު މެޗްތަކުގެ ތެރެއިން ތިން މެޗެއް ކުޅެފައިވަނީ ތައިލެންޑުގެ 21 އަހަރުން ދަށުގެ ޤައުމީ ޓިމާއެކުއެވެ. އެޓީމާއެކު ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް ޤައުމީ ޓީމް އެނބުރި އައީ ފަހު މެޗުގައި އެޓީމް ބަލިކޮށްފައެވެ. ނަމަވެސް މެޗުތަކުގައި ބޮޑަށް ވިސްނީ މޮޅުވާން ނޫންކަމަށާއި، ޓީމެއްގެ ގޮތުގައި ކުޅެ ވަކިވަކި ކުޅުންތެރިންވެސް މުބާރާތް ކާމިޔާބުކުރަން ޓީމަށް ކޮށްދޭންވީ ކޮންކަމެއްކަން ބުނެދިނުމަށްކަމަށް ޝަރަފް ބުންޏެވެ.

 މި ދަތުރުގެ ސަބަބުން ޓީމް ވޯކް ވަރުގަދަވެ، ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށްވެސް އެހީތެރވިވެދޭނެކަމަށް ޝަރަފް ގަބޫލްކުރެއެވެ. 

"ކޮންމެ ކުޅުންތެރިއަކަށްވެސް އެ ކުޅުންތެރިޔަކު ކުރަންޖެހޭނެ ކަންތަށް އިނގޭނެ. އެކުޅުންތެރިއަކު މިޓީމް މޮޅުކޮށްދޭން ކޮށްދޭންވީ ކޮންކަމެއްކަން އިނގޭނެ. ކޯޗް ބޭނުންވާ ގޮތަށް ޕަރފޯރމް ކުރެވޭނެކަމަށް ގަބޫލްކުރަން" ޝަރަފް ބުންޏެވެ.

img:http://s4.psmnews.mv/images/660x400/14899293560162.jpg|ޓީމްގެ ކެޕްޓަން ބަޓިޝްއަށް އެސޯސިއޭޝަންގެ ރައީސް މަރުހަބާކިޔަނީ: ފޮޓޯ-ޕީއެސްއެމް

ވޮލީ ޓީމް ތައިލެންޑަށް ކުރި ދަތުރުގައި ރަނގަޅު ވަސީލަތްތަކަކާއެކު ބޭނުންވި ފެންވަރުގައި ތަމްރީންތައް ކުރިޔަށްގެންދެވުނުކަމަށް ވޮލީބޯޅަ ޓީމުން ބުނެއެވެ. މި ދަތުރުގައި ކުޅެން ހަމަޖެއްސި މެޗުތަކަކީ ޤައުމީ ވޮލީ ޓީމުން ބޭނުންވި ވަގުތުތަކަށް ސެޓްކޮށްފައިހުރި ބޭނުންވި ފެންވަރުގެ މެޗްތަކެއްކަމަށްވެސް ވޮލީބޯޅަ ޓީމްގެ ކޯޗު ޝަރަފް ބުންޏެވެ.

 މި ދަތުރު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ވާދަވެރި މެޗެއް ކުޅެން ލިބެން ނެތުމުން ކުޅުންތެރިންނަށް ވާދަވެރި މެޗްތަކެއް ހޯދައިދިނުމެވެ. އަދި އެކަން ބޭނުންވިގޮތަށް ހަމަޖެހިގެންދިޔުމުން ހިތްހަމަޖެހިފައިހުރިކަމަށް ޝަރަފް ބުންޏެވެ. ކޯޗު ޤަބޫލުކުރާގޮތުގައި މުބާރާތުގައި ވާދަކުރާ އަނެއް ތިން ޤައުމަކީވެސް ވަރަށް އެއްވަރު ޤައުމުތަކެކެވެ. ނޭޕާލް ތަންކޮޅެއް ދަށްވި ނަމަވެސް ދެން އޮތް ދެޓީމަކީވެސް ވަރަށް އެއްވަރު ދެޓީމްކަމަށާއި، މޮޅުވާން ބޭނުންކުރަން ޖެހޭނީ ތަފާތު ގޮތްތަކެއްކަމަށް ޤައުމީ ޓީމަށް ފުރަތަމަ މެޑަލް ހޯދައިދިން ކޯޗު ބުންޏެވެ.

މިދަތުރާއެކު ޤައުމީ ވޮލީބޯޅަ ޓީމް އޮތީ ކުރިއަށް އޮތް މުބާރާތުން ރަން މެޑަލް ހޯދާ، ދިވެހި ކުޅިވަރަށް އުފާވެރިކަން ގެނައުމުގެ އުއްމީދުގައެވެ. އަދި ވޮލީ ޓީމަށް މިހާރު މަދުވާ ހަމައެކަނި މެޑަލް އަޅުވާލުމަށް ކުޅުންތެރިންނާއި، ކޯޗިންގ ޓީމްވެސް އޮތީ ތައްޔާރަށެވެ.