ކުޅިވަރު

އަދިވެސް ރާއްޖޭގައި މަސައްކަތް ކުރަން ބޭނުން - ރިއޯ ކޯޗް


އަދިވެސް ރާއްޖޭގައި ކޯޗްކޮށްދޭން ބޭނުންވާކަމަށް ގައުމީ އަންހެން ޓީމްގެ ކޯޗް ރިއޯ ނަވަކޯ ކަވަރމޯޓޯ ބުނެފިއެވެ. 

ފާއިތުވެދިޔަ 3 އަހަރު ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކޯޗް ކޮށްދީފައިވާ ރިއޯ ނަވަކޯ ކަވަރމޯޓޯ އަކީ ޖަޕާން ފުޓްބޯޅަ އެސޯސިއޭޝަންގެ އެހީގެ ދަށުން ރާއްޖޭގައި މަސައްކަތްކަތް ކުރަމުން އައިސްފައިވާ ކޯޗެކެވެ. 3 އަހަރު ރާއްޖޭގައި މަސައްކަތް ކުރުމަށްފަހު، އެނބުރި ގައުމަށް ކޯޗް ރިއޯ ނަވަކޯ ކަވަރމޯޓޯ ދިއުމަށް ހަމަޖެހިފައިވުމާ ގުޅިގެން އެފްއޭމްއިން ރޭގައިވަނީ ކޯޗަށް އަލްވަދާޢު ކިއުމަށް ހާއްސަ ހަފްލާއެއް ބާއްވާފައެވެ. ގައުމީ އަންހެން ފުޓްބޯޅަ ޓީމްއާ އެފްއޭއެމްގެ އިސްވެރިން ބައިވެރިވި މިހަފްލާގައި ވާހަކަދައްކަމުން ކޯޗް ރިއޯބުނީ ރާއްޖޭގައި މިހޭދަ ކުރެވުނު ދުވަސްތަކަކީ ޙަޔާތުގައި ވަރަށް މުހިންމު ދުވަސްތަކެއްކަށެވެ. އަދި ކޯޗިން ކެރިއަރުގައިވެސް ގިނަ ކަންތަށްތަކެއް ދަސްވެގެންދިޔަ ދުވަސްތަކެއްކަމަށެވެ. ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމްއަކީ ވަރަށް ހުނަރުވެރި އަދި މިސަރަހައްދުގައި ގިނަ ކާމިޔާބީތަކެއް ހޯދިދާނެ ޓީމެއްކަމަށްވެސް ކޯޗް ރިއޯ ފާހަގަކުރިއެވެ.

" މި3 އަހަރަކީ އަހަންނަށް ވަރަށް ފަހަގަކުރެވޭ 3 އަަހަރު. ރާއްޖޭގެ ޓީމާއެކު އަހަރެން މަސައްކަތްކޮށްފައިވަނީ ވަރަށް ހިތްހަމަޖެހިގެން. ގައުމީ ޓީމްގެ ހުރިހާ ކުދިންވެސް އަހަންނަށް ވަރަށް ރަނގަޅު. ދަނޑުމަތީގައިވެސް ކުޅުންތެރިން އަހަރެން ބުނާގޮތް ވަރަށް ހަދާ. ވަރަށް މިސްވާނެ ޓީމް މަތިން. މިޓީމް ދޫކޮށް މިހާރު ދިޔަަނަމަވެސް، އަހަރެން ބޭނުންވޭ އަދިވެސް ރާއްޖޭގައި މަސައްކަތް ކުރަން. އެފުރުސަތު ލިބޭނެކަމަށް އުއްމީދުވެސް ކުރަން." ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗް ރިއޯ ނަވަކޯ ކަވަރމޯޓޯ ބުންޏެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކޯޗް ކޮށްދީފައިވާ ރިއޯ ކޯޗްކަމުގެ ދަށުން ރާއްޖޭގެ ޓީމް މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ މިއަހަރު ކުރީކޮޅުގައި ބޭއްވުނު އަންހެން ސާފް ޗެންޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ޓީމް ދަތުރުކުރުމެވެ. އަދި ސާފް ޗެންޕިއަންޝިޕްގެ ކުރިން ރާއްޖޭގެ ޓީމް ޔޫއޭއީއަށް ކުރި ކޭމްޕްގައިވަނީ އެގައުމާ ވާދަކޮށް އެއް ލަނޑު ސުން ލަނޑުން މޮޅުވެފައެވެ.

އެފްއޭއެމްއިންބުނީ ކޯޗް ރިއޯއަށް ވަރަށް އުފާވެރި މުސްތަގްބަލަކަށް އެދޭކަމަށާއި ކޯޗް ކޮށްދީފައިވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަމަށެވެ. 

2014ވަނަ އަހަރު ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ކޯޗް ރިއޯ އެންމެ ފުރަތަމަ ރާއްޖެއައިސްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި 2016ވަނަ އަހަރުވަނީ އެއްބަސްވުން ހަމަވެ، އިތުރު އެއް އަހަރުދުވަހުގެ މުއްދަތަށް އެއްބަސްވުން އާކޮށްފައެވެ.