ސިއްހަތު

ރާއްޖެއަކީ ޓީބީ ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅަނީ


ދިވެހިރާއްޖެއަކީ ޓިއުބަރ ކިއުލޮސިސް، ޓީބީ ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުއްވުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވައިފިއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ ރާއްޖެއަކީ ޓީބީ ނަތްތާލެވިފައިވާ ޤައުމެއް ކަމަށް ކަނޑައެޅުމަށް ކުރައްވަންޖެހޭ މަޝްވަރާތައް ފަށްޓަވާފައިވާ ކަމަށެވެ. މިގޮތުން ހެލްތް މިނިސްޓްރީގެ އިސްވެރިންނާއި، ޓީބީއާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ، ސްޓޮޕް ޓީބީ ޕާރޓްނަރޝިޕާއި، ގްލޯބަލް ފަންޑުގެ ބޭފުޅުންނާއި ޑަބްލިޔުއެޗްއޯގެ ބޭފުޅުންނާއި އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަވާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މި ބައްދަލުވުންތަކުގައި ދިވެހިރާއްޖެއިން ޓީބީ ނައްތާލުމާ ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ ޓީބީ ޕްރޮގްރާމް ރިވިއުކުރުމާއި، ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރޭގައި ޓީބީ ފެތުރޭ މިންވަރު ދެނެގަތުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. ސްޓޮޕް ޓީބީ ޕާޓްނަރޝިޕްގެ ފަރާތުން މި މަޝްވަރާތަކުގައި ބައވެރިވެވަޑައިގަތީ، އެގްޒެގެޓިވް ޑައިރެކްޓަރ ޑރ.ލުޗިކާ ޑިޓުއިއެވެ. ގްލޯބަލް ފަންޑުސް ގެފަރާތުން ބައިވެރިވެވަޑައިގަތީ، އެގްޒެގެޓިވް ޑައިރެކްޓަރ ޑރ.މާރކް ޑައިބުލްއެވެ.

މި މަޝްވަރާތަކަށް ބޭރުން އައި ވަފްދުގައި ހިމެނޭ ބޭފުޅުން، ރާއްޖޭގެ މަދަނީ ޖަމިއްޔާތަކާއި، އެހެނިހެން މުއައްސަސާތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލެފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމުގެ ގޮތުން، ސަރުކާރުން ވަނީ މީސްލްސް ނައްތާލުމުގެ ގޮތުން ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭނެއް ފަށްޓަވާފައެވެ. މީގެއިތުރުން ރާއްޖެއަކީ ފައިލޭރިއާ ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.