ސިޔާސީ

ޕީޕީއެމްއާ އަލަށް ތިންސަތޭކައަށް ވުރެ ގިނަ މެންބަރުން ގުޅިއްޖެ




ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއާ މުޅިން އަލަށް ތިންސަތޭކައަށް ވުރެ ގިނަ މެންބަރުން ގުޅިއްޖެއެެވެ.

އަލަށް ގުޅުނު މެމްބަރުންގެ، މެމްބަރޝިޕް ފޯމް ހަވާލުކުރުމަށް މިރޭ ވަނީ، ރައީސް ޔާމީން 2018 ކެމްޕޭން އޮފީހުގައި ޚާއްބަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މެމްބަރުންގެ ފޯމްތަކާ ޙަވާލުވެވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ.

ޕީޕީއެމްއާ އަލަށް ގުޅުނު މެމްބަރުންގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އަލަށް އެޕާޓީއާ ގުޅުނު ގިނަ އަދަދެއްގެ ޒުވާނުން ހިމެނެއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ގިނަ ޢަދަދެއްގެ ޒުވާނުން ޕީޕީއެމްއާ ގުޅެމުންދަނީ، މިއިން ޒަމާނެއްގައި ރާއްޖެ ނުދެކޭފަދަ ތަރައްޤީ ރައީސް ޔާމީންގެ ވެރިކަމުގެ، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ގެނެސްދެއްވާފައިވާތީކަމަށެވެ. އަދި މިއިން ދޭހަވަނީ މިކަން ގިނަބަޔަކު ބަލައިގަންނަމުންދާކަން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޕީޕީއެމްއާ އަލަށް ގުޅުނު މެމްބަރުންގެ، މެމްބަރޝިޕް ފޯމް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ޕާޓީއާ އަލަށް ގުޅުނު ގިނަ ޢަދަދެއްގެ ޢާއްމުން ބައިވެރިވެފައިވެއެވެ.