ސިއްހަތު

ހުމާއި ރޯގާގެ ފަރުވާއަށް ބޭނުންވާ ބޭސް ހުސްނުވެ ލިބޭނެ- އެސްޓީއޯ


ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމާއި ރޯގާގެ ފަރުވާއަށް ބޭނުންވާ ބޭސްތައް، އަތޮޅުތަކާއި، މާލޭގައި ޤާއިމުކޮށް ހިންގަމުންދާ އެސްޓީއޯގެ ފާމަސީތަކުން ހުސްނުވެ ލިބެން ހުންނާނެކަމުގެ ޔަޤީންކަން އެކުންފުނިން ދީފިއެވެ.

އެސްޓީއޯއިން ބުނިގޮތުގައި އެކުންފުނީގެ ފާމަސީތަކުން އެފަދަ ބޭސްތައް ހުސްނުވާނެހެން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ވަރަށް ކައިރިން ބަލަމުންދާކަމަށެވެ.

އެގޮތުން ކޮންމެ ދުވަކުވެސް މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ އެކުންފުނީގެ ރީޖަނަލް ފާމަސީތަކަށް ބޭސް ފޮނުވަމުންދާކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. މިދުވަސްކޮޅު މިބޭސްތަކަށް އާދަޔާޚިލާފަށް ބާރު ބޮޑުވެފައިވާތީ، އެސްޓީއޯއިން ވަނީ ރީޖަނަލްސް ފާމަސީތަކުގައި ކޮންޓިންޖެންސީ ސޮޓޮކްތަކެއް ޤާއިމްކޮށްފައެވެ. އެގޮތުން އެއްރަށަކުން ބޭހުގެ ސްޓޮކް މަދުވެއްޖެ ޙާލަތެއްގައި  ކައިރި ރީޖަނަލްސް ފާމަސީއިން ވަގުތުން ބޭސް ފޮނުވާލެވޭނެ އިންތިޒާމް ހަމަޖައްސާފައިކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން އިންފުލުއެންޒާ ވައިރަހުން ސަލާމަތްވުމަށް ބޭނުންވާ ވެކްސިނާއި ހުމަށް ބޭނުންވާ ޚާއްޞަ ބޭސްތައް ވެސް މިނިސްޓްރީ އޮފް ހެލްތްގެ ލަފާގެ މަތިން އެސްޓީއޯއިން ދަނީ ރާއްޖެ އެތެރެކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރަމުންނެވެ. އަދި އިންފުލުއެންޒާ ވެކްސިންއާއި އެންޓި ވައިރަލް ބޭސް އެޗްޕީއޭގެ ބެލުމުގެ ދަށުން ހޮސްޕިޓަލްތަކާއި ފުލޫ ކްލިނިކްތަކުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.