ވިޔަފާރި

"ބޭންކިންގ ސެކްޓަރއަށް މިދިޔަ އަހަރު ކުރިއެރުންތަކެއް ލިބުނު"


2015 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބޭންކިންގ ސެކްޓަރއަށް ލިބުނު ކުރިއެރުން އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ނެރެ އާއްމުކުރައްވާފައިވާ އެންމެފަހުގެ ކުއާޓަރލީ ބިޒްނަސް ރިޕޯޓުގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ އެންމެފަހު ކުއާޓަރުގައި ބޭންކްތަކުން ދޫކޮށްފައިވާ ލޯނުގެ ނިސްބަތް، ދެހާސް ފަނަރަވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ސާދަ އިންސައްތަ އިތުރުވެފައިވާކަމަށެވެ. މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި ބޭންކްތަކުން ދޫކުރި ލޯނުގެ އަދަދު ދޭއް ޕޮއިންޓް ދޭއް ބިލިއަން ރުފިޔާއަށް އަރައެވެ. 

މި ރިޕޯޓްގައިވާގޮތުން ބޭންކްތަކުން ދޫކުރި އުފެއްދުންތެރި ނޫން ލޯނުގެ މިންވަރު އަންނަނީ ދަށްވަމުންނެވެ. އަދި ބޭންކްތަކަށް ލިބުނު ސާފު ފައިދާގެ މިންވަރުވެސް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ނިޔަލަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ވިޔަފާރި ބޭންކުތަކަށް ލިބުނު ފައިދާ އުޅެނީ ދޭއް ޕޮއިންޓް ދޭއް ބިލިއަން ރުފިޔާގައެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރ ނިމުނުއިރު ބޭންކްތަކަށް ލިބުނު ފައިދާ އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކުން ހާމަކުރައްވާފައިވާއިރު، މިދިޔަ އަހަރު ނިމުނުއިރު، ދިވެހި ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއަށް ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.