ޚަބަރު

"އެޗްވަންއެންވަން، ޕޮޒިޓިވްވާ ކޮންމެމީހަކަށް ނުރައްކަލެއް ނެތް"


އިންފުލުއެންޒާ އެޗްވަންއެންވަންއަށް ޕޮޒިޓިވް ވާ ކޮންމެ މީހަކީ އެބަލީގައި ނުރައްކާވާމީހެއް ނޫންކަމަށާއި ނުރައްކާތެރި ޙާލަތަކަށްދަނީ ވަކި ކެޓަގަރީއެއްގައި ހިމެނޭ މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭއިން ވިދާޅުވީ އިންފުލުއެންޒާގައި ނުރައްކާ ބޮޑީ ހަތަރު ކެޓަގަރީއެއްގެ މީހުންކަމަށެވެ.

އިންފުލުއެންޒާ އެޗްވަންއެންވަން އަކީ އާންމުކޮށް ޖެހޭ އަރިދަފުސް ރޯގާ ޖެހޭހެން ޖެހޭ ރޯގާއެކެވެ. އާންމުކޮށް ޖެހޭ ރޯގާއާއި މިރޯގާއާއި މާ ބޮޑު ތަފާތުތަކެއްނުހުންނަކަމަށް ސިއްޙީމާހިރުން ބުނެއެވެ. ނަމަވެސް އެޗްވަންއެންވަން ޖެހޭ މީހުންގެ ތެރެއިން ދިފާއީ ނިޒާމް ބަލި މީހުން މި ބަލީގެ ސަބަބުން ނުރައްކަލާ ކުރިމަތިލާންޖެހެއެވެ. 

އިންފުލުއެންޒާ އެޗްވަންއެންވަން ގެ ސަބަބުން ނުރައްކާވަނީ ފަސްއަހަރުން ދަށުގެ ކުޑަކުދިންނާއި، ފަސްދޮޅަށް ފަސްއަހަރުން މަތީގެ ދޮށީ އުމުރު މީހުންނާއި، މާބަނޑު މީހުންނާއި، ދާއިމީ ބަލިތަކަށް ބޭސްފަރުވާ ހޯދަމުންދާ މީހުންނަށެވެ. 

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެޗްޕީއޭއިން އެކުލަވާލާފައިވާ އިންފުލުއެންޒާ ޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވާ ޑރ.އަބްދުﷲ ނިޔާފް ވިދާޅުވީ ރޯގާ ޖެހޭ އެންމެން އިންފުލުއެންޒާއަށް ޕޮޒިޓިވް ނުވާކަމަށާއި، އިންފުލުއެންޒާ އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހައި ރިސްކްމީހުން ފިޔަވައި އެހެން މީހުން މިބަލިން ފަސޭހަވާކަމަށެވެ. 

އިންފުލުއެންޒާ ޖެހޭމީހުން، ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި، ގިނައިން އަރާމުކުރުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. އަދި ބަލި ޖެހިފައިވާ މީހުން، ގިނަމީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި، އެހެންމީހުންނާ ގައިގޯޅިވެ ނޫޅުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް އެޗްޕީއޭއިން އިލްތިމސްކުރައްވައެވެ.