ޚަބަރު

އިންފުލުއެންޒާ އާ ގުޅިގެން ކައުންސިލް އިންތިޚާބުވެސް ފަސްކޮށްފި


މިހާރު ފެތުރެމުންދާ ރޯގާއި ގުޅިން ލޯކަލް ކައުންސިލް އިންތިޚާބުވެސް ފަސްކުރައްވައިފިއެވެ. 

އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވަން ކުރިން ކަނޑައަޅުއްވާފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު ދެން ބާއްވަވާނީ އަންނަ މެއި މަހުގެ 6 ވަނަ ދުވަހުކަމަށް އިލެކްޝަނަސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބް ފަސްކުރެއްވުމަށް ނިންމެވީ މިވަގުތު ޤައުމުގެ ޙާލަތު ހުރިގޮތަށް ބެލުމަށްފަހު ޤައުމީ ލަފާދޭ ކޮމިޓީގެ ލަފަޔާއެކުގައި ކަމަށެވެ. އަދި އިންތިޚާބު ފަސްކުރުމާ ގުޅިގެން، ވޯޓްލާ މީހުންގެ ލިސްޓަށް ބަދަލުތަކެއް އަންނާނެތީ އަލުން އިންތިޚާބަށް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު ހުޅުވާލާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި އިންތިޚާބް ފަސްކުރި ނަމަވެސް އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ބަޖެޓްގެ ޚަރަދަށް މާ ބޮޑު ތަފާތެއް ނާންނާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މިއީ އެކޮމިޝަނުން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރެއްވި 3 ވަނަ ފަހަރެވެ. އިންތިޚާބް ބާއްވާ ތާރީހު ކޮމިޝަނުން މިފަހަރު ފަސްކުރައްވާފައިވާއިރު އިންތިޚާބުގައި ވާދަކުރާ ފަރާތަކުގެ ނަން ތަރުތީބުކޮށް ކެނޑިޑޭޓުންގެ ލިސްޓްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ޢާއްމުކުރައްވާފައެވެ. އަދި އިންތިޚާބުގައި ވާދަކުރާ 1487 ކެންޑިޑޭޓުން އަންނަނީ ކެމްޕައިންވެސް ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އަންނަ މެއި މަހުގެ 6 ވަނަ ދުވަހަށް އިންތިޚާބު ފަސްކުރެއްވީ މިހާރު ފެތުރެމުންދާ އިންފުލުއެންޒާއާ ގުޅިގެން އިންތިޚާބުގެ ބައެއް މަސައްކަތްތައް މިވަގުތަށް ހުއްޓާލަންޖެހުމުންކަމަށެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު އެންމެ ފުރަތަމަ ބޭއްވުމަށް އިލެކްޝަނަސް ކޮމިޝަނުން ތާވަލުކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަދުވަހުއެވެ. އެހެންމަވެސް އިންތިޚާބާ ގުޅިގެން ވެރިކަންކުރާ ޕީޕީއެމުން ކޯޓަށް  ހުށައެޅުއްވި މައްސަލައާ ގުޅިގެން އިންތިޚާބު ބާއްވާ ދުވަސް ދެމަސްދުވަހަށް ފަސްކުރެއްވާ އޭޕްރިލް މަހުގެ 8 ވަނަދުވަހު އިންތިޚާބު ބޭއްވުމަށް އަލުން ތާވަލްކުރެއްވިއެވެ. 

އިންތިޚާބުގެ ތާރީޚަށް އިލެކްޝަންސް ކޮމިޝަނުން ދެވަނަ ފަހަރަށް ބަދަލު ގެންނަވާފައިވަނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ސްކޫލްތަކުގައި އިތުރު ހަރާކާތް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރީން އެ ކޮމިޝަނަށް އެންގެވުމުންނެވެ. އެ ބަދަލާއި އެކު އިންތިޚާބު ބާއްވާ ދުވަހެއްކަމަށް ކޮމިޝަނުން ކަނޑައަޅުއްވީ އޭޕްރިލް މަހުގެ 15 ވަނަދުވަހެވެ. 

މިފަހަރުގެ އިންތިހާބްގައި ވެރިކަންކުރާ ޕީޕީއެމުން 523 ކެނޑިޑޭޓުން ވާދަކުރާއިރު އިދިކޮޅު އެމްޑީޕީން 469 ކެނޑިޑޭޓުން ވާދަކުރެއެވެ. ޖުމހޫރީ ޕާޓީން 81 ކެނޑިޑޭޓުން ވާދަކުރާއިރު، އެމްޑީއޭއިން ވާދަކުރަނީ 50 ކެނޑިޑެޓުންނެވެ. އަދި ޑީއާރުޕީން 1 ކެނޑިޑޭޓުންނާއި، އަމިއްލަގޮތުން ވާދަކުރާ 363 ކެނޑިޑޭޓުން މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއެވެ.