ކުޅިވަރު

ރަން މެޑެއްޔަށް ނިކުންނައިރު ޗެލެންޖަކީ ބްލޮކާއި، ކްއިކް އެޓޭކް!


ރާއްޖޭގައި ވޮލީބޯޅަ ކުރިއަރަމުން، ކުޅުންތެރިން ކުރިއެރުން ހޯދަމުންދާކަމާމެދު ސުވާލެއް ނެތެވެ. ނަމަވެސް ވޮލީ ޓީމެއް ބިނާކުރުމުގައި ޓީމްގެ މުޙިއްމު ބައެއް މަޤާމްތައް ތަންކޮޅެއް ބަލިވެ، އިންޓަރ ނޭޝަނަލް މުބާރާތްތަކުގައި އޭގެ އަސަރު ކުރެއެވެ.

ރާއްޖޭގެ މުބާރާތްތަކަށް ބަލާއިރުވެސް ބްލޮކާއި، ކްއިކް އެޓޭކް ރާއްޖޭގެ ކުޅުންތެރިންގެ އަދި ޓީމްތަކުގެވެސް ދަށްކަން ކޯޗުން ފާހަގަކުރެއެވެ. ބޭރުގެ މުބާރާތްތަކުގައި ޤައުމީ ޓީމް ވާދަކުރާއިރުވެސް ކޯޗުން އިތުރަށް ވިސްނަންޖެހޭކަމަކަށް ވަނީ ކްއިކް އެޓޭކާއި ބްލޮކެވެ. ކުރިއަށް އޮތް އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕާ ކުރިމަތިލާއިރުވެސް އެކަން އޮތީ އެހެންނެވެ. ރާއްޖޭގައި ކުޅޭ މުބާރާތުން ދިވެހި ވޮލީ ޓީމް ފުރަތަމަ ރަން މެޑަލް ހޯދުމަށް އަމާޒު ހިފާފައިވާއިރު އެކަމަށް ހައްލެއް ގެންނަން ކޯޗު މުޙައްމަދު ޝަރަފަށް މަޖުބޫރެވެ.

" މިމުބާރާތުގައި އަޅުގަނޑުމެންގެ ބްލޮކް، އަޅުގަނޑުމެންގެ ކްއިކް އެޓޭކް އަޅުގަނޑު އެހާބޮޑަކަށް ކައުންޓެއް ނުކުރަން. އަޅުގަނޑުމެން ރަނގަޅު ބްލޮކްތަކެއް ކޮށްގެނެއްނޫން އިރާދަކުރެއްވިއްޔާ މިމުބާރާތް ކާމިޔާބުކުރާނީކީ، ރަނގަޅު ކްއިކް އެޓޭކްވެސް ކޮށްގެނެއްނޫން. ވާން އޮތީ ކޮންކަމެއްތޯ ބެލުންތާ މީގަ މުހިއްމީ. ކޮންކަމެއްތޯ އަޅުގަނޑުމެންނަށް ކުރެވޭނީ. ކޮބާތޯ އަޅުގަނޑުމެންގެ ވީކް ޕޮއިންޓަކީ، ކޮބާތޯ އަޅުގަނޑުމެންގެ ސްޓްރެންތަކީ. " ބްލޮކާއި، ކްއިކް އެޓޭކް ބަލި ނަމަވެސް އެހެން ގޮތެއް ހޯދާނެކަން ފާހަގަކުރަމުން ޝަރަފް ބުންޏެވެ.

ކޯޗު ބުނީ ބްލޮކް ބަލިވުމުން ދެން ހަދަން ޖެހޭނެ ގޮތާއި، ކްއިކް އެޓޭކް ދަށްވީމަ ދެން އެޓޭކްގައި ކުރަންވީ ކޮންކަމެއްކަންވެސް ކުޅުންތެރިންނަށް މިހާރު އިނގޭނެކަމަށެވެ. މުޅި ޓީމަށް ބަލާއިރުވެސް އެންމެ ދަށް މަޤާމަކީ ބްލޮކްކަމަށް ޝަރަފް ޤަބޫލުކުރެއެވެ. ވޮލީބޯޅައިން ރާއްޖޭގެ ޓީމް ކާމިޔާބު ހޯދާ، ވޮލީ ކުރިއަށް ގެންދިއުމަށް ބްލޮކާއި، ކްއިކް އެޓޭކްވެސް ރަނގަޅުކުރަން މިހާރު މަސައްކަތްކުރަން ޖެހޭކަމަށްވެސް ތަޖުރިބާކާރު ކޯޗު ބުންޏެވެ. 

ބްލޮކް ރަނގަޅު ކުރަން ވިސްނާއިރު ދިވެހި ޓީމްގައި ޒުވާން އިސްކޮޅުން ދިގު ހުނަރުވެރި ކުޅުންތެރިން މިހާރު ތިބުމަކީ ކުރިމަގަށް އޮތް ހިތްހަމަޖެހުމެކެވެ. މުސްތަޤްބަލްގައި އެކަން ރަނގަޅު ކުރާނެކަމަށާއި، ކުރިއަށް އޮތް މުބާރާތުގައި ބްލޮކާއި، ކްއިކް އެޓޭކް ނުލައި ގޮތްތަކެއް ހޯދި ނަމަވެސް ކުރިމަގުގައި ދިވެހި ޓީމް ކާމިޔާބު ހޯދާނީ އެކަންކަންވެސް ރަނގަޅުކޮށްގެންކަމަށް ޝަރަފް ބުންޏެވެ.

ކޯޗިންގ ޓީމުން ކުޅުންތެރިންނަށް ދެމުންދާ އިރުޝާދުތަކާއެކު، ތަމްރީން ޕްރޮގްރާމްގައި ހޯދި ކުރިއެރުންތަކުގެ އެހީގައި ދިވެހި ޓީމް ކާމިޔާބު ހޯދާނެކަމަށް ވޮލީ އާއިލާ އުއްމީދުކުރެއެވެ.