ސިއްހަތު

ހުމާއި ރޯގާއިން ރައްކާތެރިވުމަށް ސޯޝަލް މިޑިއާގެ ދައުރު


މިހާރު ފެތުރެމުންދާ ހުމާއި ރޯގާއިން ރައްކާތެރިވެ ތިބުމަށް ޢާންމުން ހޭލުންތެރިކުރުވުމުގައި ސޯޝަލް މިޑިއާގެ ދައުރު ވަރަށް ބޮޑެވެ. ހުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް އެކިފަރާތްތަކުން އަންނަނީ މިހާރުވެސް ސޯޝަލްމީޑިއާގައި ޙިއްޞާ ކުރަމުންނެވެ.

މަޢުލޫމާތު ފެތުރުމާއި މަޢުލޫމާތު ހޯދާ ލިބިގަތުމަކީ ދިވެހިންގެ މެދުގައި ފެށުނީންސުރެން އުފެދިފައިވާ ރީތި އާދައެކެވެ. އެހެންކަމުން އެއިރެއްގައި ޤައުމުގައި ހިނގަމުންދާ ކޮންމެ ކަމެއް ސޯޝަލްމީޑިއާ މެދުވެރިކޮށް އެކަކު އަނެކަކާއި ޙިއްޞާކުރުމަކީ ދިވެހިން ޢާއްމުކޮށް ކުރަމުންއަންނަ ކަމެކެވެ. ސޯޝަލްމީޑިއާގައި ދިވެހިން އެންމެ ގިނައިން ބޭނުން ކުރަމުން އަންނަނީ ފޭސްބުކް، ވައިބަރގެ އިތުރުން ޓްވިޓަރއެވެ.

އެގޮތުން ވައިބާރ އާއި ފޭސްބުކްގައި ޢާއިލާ މީހުން އަދި ރަށްޓެހި ރަޙްމަތްތެރިންގެ މެދުގައި ހަދާފައިވާ ގުރޫޕްތަކުގައި އެންމެ ގިނައިން ދައުރުވަމުންދާ އެއްވާހަކަ އަކީ، މާލެއާއި އަތޮޅުތެރޭގައި ފެތުރެމުންދާ ރޯގާގެ ވާހަކައެވެ.

އެގޮތުން "އެޗް ވަން އެން ވަން"އާ ގުޅޭ މުހިއްމު މަޢުލޫމާތު ސޯޝަލްމީޑިއާގައި ދަނީ ހަލުވިކަމާއިއެކު ފެތުރެމުންނެވެ. ބައްޔާއި ބެހޭ މަޢުލޫމާތުތަކާއެކު ބަލިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތަކުގެ މަޢުލޫމާތުތައްވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. މިގޮތުން ބައެއްމީހުން އަމިއްލަ ފޭސްބުކް އެކައުންޓްގައި މަޢުލޫމާތް ޙިއްޞާކޮށް މިބަލިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންކަމާއިގުޅޭ މުޙިއްމު މަޢުލޫމާތުތަކެއް ދަނީ އެކަކު އަނެކަކާއި ޙިއްޞާ ކުރަމުންނެވެ. ޚާއްސަކޮށް ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކާއި، މިބަލީގެ ފުރަތަމަ މަރުޙަލާގައި ފަރުވާދިނުމަށްޓަކައި ޢަމަލުކުރަންޖެހޭ ގޮތުގެ އިތުރުން މިބަލީގެ އެންމެ ނުރައްކާތެރި މަރުޙަލާގައިވެސް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ މުޙިއްމު ކަންކަމުގެ މަޢުލޫމާތުތައް ސޯޝަލްމިޑިއާގައި އަންނަނީ ފެތުރެމުންނެވެ.

އަދި ރައްކާތެރިވެ ތިބުމަށް ފަރުދީ ފެންވަރުގައި ކުރިވެދާނެ ކަންކަމުގެ މަޢުލޫމާތުތައްވެސް ހިމެނެއެވެ. ޢާއްމުން ގިނަ ތަންތަނުގައި ޙަރަކާތްތެރިވުމުގައި ވިސްނަންޖެހޭ ކަންކަމާއި، މިބަލިން ކުޑަކުދިން ރައްކާތެރި ކުރުވުމަށް ގެންގުޅެންޖެހޭ އުޞޫލުތަކުގެ މަޢުލޫމާތުވެސް ސޯޝަލްމީޑިއާގައި ދަނީ އެކަކު އަނެކަކާ ޙިއްޞާ ކުރަމުންނެވެ. މިފަދަކަމުން ދައްކުވައިދެނީ ދިވެހި ކޮންމެ ފަރުދަކީ، ފަރުދީ ޒިއްމާއެއްވާކަންދަނެ، ފަރުދީ މަސްޢޫލިއްޔަތު އަދާކުރުމުގައި ފަސްނުޖެހޭނެ މީހެއް ކަމެވެ.  

"އެޗް ވަން އެން ވަން" އާއި ގުޅިގެން ގުޅިގެން ސޯޝަލްމީޑިއާގައި ފެތުރެމުންދާ މަޢުލޫމާތަކަށް ބަލާއިރު ބަލީގެ ފުރަތަމަ މަރުޙަލާއިން ފެށިގެން ރައްކާތެރި ވުމުގެ ގޮތުން އެންމެ ފަހު މަރުޙަލާއާއި ހަމަޔަށް ޢަމަލްކުރަންޖެހޭ ގޮތުގެ މަޢުލޫމާތު ހިމެނޭކަން ފާހަގަކޮށްލެވެއެވެ.  

ރާއްޖޭގައި ފެތުރެމުންދާ ރޯގާ އާއި ހުމުން ރައްކާތެރިވުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ބަލި ކޮންޓްރޯލް ކުރުމުގައި ކަމާއިބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށްވެސް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ. މިފަދަ ޙާލަތްތަކުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަކީ ފަރުދީ އަދި އިޖްތިމާޢީ ފެންވަރުގައި ރައްކާތެރިވެތިބުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ.