ސިއްހަތު

މިހާތަނަށް 300 އަށްވުރެ ގިނަ މާބަނޑު މީހުންނަށް ވެކްސިން ދެވިއްޖެ


މާބަނޑު މީހުންނަށް ޚާއްޞަ ކުރައްވައިގެން އިންފުލުއެންޒާ ވެކްސިން ދެއްވުމުގެ މަސައްކަތް އިއްޔެ ފެށްޓެވިފަހުން މިހާތަނަށް 300 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދެއްވާފައިވާ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ. ވައިރަލް ހުމާއި، ރޯގާ ފެތެރުމުންދާތީ، މިވަގުތު އިންފުލުއެންޒާއަށް ޚާއްޞަކޮށް ވެކްސިން ދެއްވަމުން ގެންދަވަނީ މާބަނޑު މީހުންނަށް އެކަންޏެވެ. އައިޖީއެމްއެޗުން ވިދާޅުވީ އެހޮސްޕިޓަލުގެ ރިޕްރޮޑަކްޓިވް ހެލްތު ކްލިނިކުން ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރަކާއި ހަމައަށް ވެކްސިން ޖެހުމުގެ ޚިދުމަތް ދެއްވަމުން ގެންދަވާނެ ކަމަށެވެ. ވެކްސިން ޖަހަން އަންނައިރު މާބަނޑު މީހާގެ އައިޑީކާޑާއި، ޕްރެގްނެންސީ ކާޑް ގެންދިއުމަށް އެހޮސްޕިޓަލުން އެދިވަޑައިގަންނަވައެވެ.

އައިޖީއެމްއެޗާއު އޭޑީކޭ ހޮސްޕިޓަލުންވެސް ދަނީ، މާބަނޑު މީހުންނަށް ވެކްސިން ދެމުންނެވެ. އެގޮތުން މެންދުރުފަހު ތިނަކުން އިރުއޮއްސި 6 ޖެހުމާއި ހަމައަށް މާބަނޑު މީހުންނަށް ވެކްސިން ދިނުމުގެ ޚިދުމަތް އެހޮސްޕިޓަލުން ލިބޭނެކަމަށް އޭޑީކޭއިން ބުނެއެވެ.

މިދުވަސްވަރު ހުމާއި، ރޯގާ ފެތެރެމުންދާތީ، ޚާއްޞަ ގޮތެއްގައި މާބަނޑު މީހުން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ފިޔަވަޅު އެޅުއްވުމަށް އެޗްޕީއޭއިން ގެންދަވަނީ އިލްތިމާސް ކުރައްވަމުންނެވެ. އެގޮތުން މާބަނޑު މީހުން ޚާއްސަކޮށް، ރޯގާ ޖެހިފައިވާ މީހުންނާ ގައިގޯޅިވެ ނޫޅުމާއި، ބަލިވެއްޖެނަމަ، ވަޒީފާއަށާއި ސްކޫލަށް ނުގޮސް ގޭގައި މަޑުކުރުމާއި، ކެއްސާ ނުވަތަ ކިނބިހި އަޅާއިރު، އަނގައާއި ނޭފަތް ނިވާކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވައެވެ. މީގެ އިތުރުން ސައިބޯނި ލައިގެން އަތް ދޮވުމާއި، ސެނެޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމަށާއި، އަތް ނުދޮވެ ލޮލާއި، ނޭފަތާއި، އަނގައިގައި އަތް ނުލުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވައެވެ.