ކުޅިވަރު

ސިޓީ ކަޓުވާލުމަށްފަހު މޮނާކޯ ކުއާޓަރ ފައިނަލަށް


އަދިވެސް ޓީމު ކުޅުން ވަރަށް ލަސްކަމަށާ އެކަން ރަނގަޅު ކޮށްގެން ނޫނީ ޔޫރަޕްގައި ރަނގަޅު ފައިޓެއް ނުދެވޭނެކަމަށް މެންޗަސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅަގައި ރޭ މޮނާކޯއާ ދެކޮޅަށް ކުޅެ ތިން ލަނޑު އެއް ލަނޑުން ބަލިވެ މުބާރާތުން ކެޓި މެޗަށްފަހު ގާޑިއޯލާ ބުނީ މި ލެވެލްގައި ސިޓީ ވާދަކުރަން ބޭނުންނަމަ އަދިވެސް ކުޅުމުގެ ވައްޓަފާޅި އަވަސް ކުރަން ޖެހޭކަމަށާ މެޗުގެ ފުރަތަމަ ހާފުންވެސް އެކަން އެނގިގެން ހިނގައްޖެ ކަމަށެވެ. ގާޑިއޯލާ ބުނީ ގިނަ ފުރުޞަތުތަކެއް ލިބި އެ ގެއްލުމަކީ މައްސަލައެއް ކަމަށާ ދެވަނަ ހާފްގައި ކުޅުން ރަނގަޅު ކުރި ނަމަވެސް މޮނާކޯ ފެނުނީ މާ ވަރުގަދަކޮށް ކަމަށް ގާޑިއޯލާ ބުންޏެވެ. 

މޮނާކޯގެ ކޯޗް ލިއޮނާޑޯ ޖާޑިމް ބުނީ މެޗަށް ނުކުތްއިރުވެސް މެންޗަސްޓަރ ސިޓީއަކީ ވަރުގަދަ ޓީމެއްކަން ކުޅުންތެރިންނަށް ބުނެދީފައި ވާނެކަމަށާ މެޗުން މޮޅުވީ އެކަން ދަނެގެން ކުޅުންތެރިން ކުރި މަސައްކަތުން ކަމަށް ޖާޑިމް ބުންޏެވެ. މި ދެ ޓީމު މެންޗަސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މެޗް ފަސް ލަނޑު ތިން ލަނޑުން ސިޓީ ކުރި ހޯދާފައިވަނިކޮށް ރޭ މޮނާކޯގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗް މޮނާކޯއިން ކާމިޔާބުކުރީ ތިން ލަނޑު އެއް ލަނޑުންނެވެ. އެހެންކަމުން މޮނާކޯއަށް ކުއާރޓާ ފައިނަލުން ޖާގަ ލިބެނީ ހަ ލަނޑު ހަ ލަނޑުގެ އެގްރިގޭޓުން އެއްވަރުވެ އަވޭ ގޯލުން ކުރި ލިބިގެންނެވެ. 

ރޭގެ މެޗްގައި މޮނާކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެމްބާޕޭ، ފަބީނިއޯ، އަދި ބަކަޔޯކޯއެވެ. ސިޓީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ސާނޭއެވެ.

މިއީ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އިރުޝާދުދިން ޓީމެއް ކުއާޓަރ ފައިނަލަށް ނުގޮސް ކެޓި ފުރަތަމަ ފަހަރެވެ.