ކުޅިވަރު

ޕްރެކްޓިސްގައި އަޑު ގަދަ، މެޗުގައި އަޑު މަޑު ވޮލީ ކޯޗު!


އެންމެ ފުރަތަމަ އޭނާއަށް ޤައުމީ ޓީމްގެ ހެޑް ކޯޗުކަން ލިބުނީ މުބާރާތަށް ދާން ކުޑަތަން ވެފައިވަނިކޮށް، އޭރުގެ ކޯޗަށް މުބާރާތަށް ދެވެން ނެތުމުންނެވެ. ޕްރެކްޓިސްއަށްވެސް އޭރު ބަރާބަރަށް ކޯޗަށް ނާދެވުމުން ގިނަ ޓްރެއިނިންގ ތަކެއްވެސް ނެގީ އެސިސްޓެންޓް ކޯޗު މުޙައްމަދު ޝަރަފެވެ. 

2009 ވަނަ އަހަރު ޕާކިސްތާންގައި އޮތް މުބާރާތަށް ކޯޗަށް ނުދެވުމުން އެމުބާރާތުގައި ޓީމް ގޮވައިގެން ގޮސް އިރުޝާދު ދިނީ ރާއްޖޭގެ ޤައުމީ ވޮލީ ޓީމަށް ފުރަތަމަ މެޑަލް ހޯދައިދިން ކޯޗު މުޙައްމަދު ޝަރަފެވެ. 2013 ވަނަ އަހަރު ނޭޕާލްގައި އޮތް ސެންޓްރަލް ޒޯން މުބާރާތުގެ ރިހި މެޑަލް ހޯދައިދިން ކޯޗު ދުވަސްކޮޅަކަށް ޤައުމީ ޓީމްގެ ފުރުޞަތު ގެއްލިފައި ހުރުމަށްފަހު އެނބުރި އައިސް އެހުރީ އަނެއްކާވެސް ޤައުމީ ކޯޗުކަމުގައެވެ. މިހާރު އޮތް ޓީމަށް ގިނަ ކުޅުންތެރިންތަކެއް ގެނެސް އެޓީމް އެކުލަވާލުމުގައި މުޙިއްމު ދައުރެއް އަދާކޮށްފައިވާ ޝަރަފަކީ ތަފާތު ކޯޗެކެވެ.

މެޗުތައް ކުރިއަށްދާއިރު އޭނާ އަބަދުވެސް ހުންނަނީ ހަށަން ބަދެލައިގެން މަޑުމަޑުންނެވެ. ބައެއް ފަހަރު ދަތްދޮޅީގައި އަތް ވިއްދާލައެވެ. ކުޅުންތެރިއަކު ބަދަލުކުރާ ގަޑީގައި ފައިބައިގެން އަންނަ ކުޅުންތެރިޔާއާ ޓަޗެއް ޖަހާލުމަށް ނުވަތަ އަރާ ކުޅުންތެރިޔާގެ ކޮނޑަށް އަތް ވައްޓާލުމަށް ނޫނީ އެ އަތް ދޫވެގެން ނުދެއެވެ. މަދު ފަހަރެއްގައި މަޑުމަޑުން އަތް ޖަހާލައެވެ. ކުޅުންތެރިންނަށް އަތް އުކާތަނެއް ނުފެނެއެވެ. ހަޅޭ ލަވާ މާ ގިނަ ވާހަކަ ދައްކާތަނެއްވެސް ނުފެނެއެވެ. 

img:http://s1.psmnews.mv/images/660x400/14896309861984.jpg|މެޗު ކުޅެމުންދިޔައިރު ޝަރަފް ދަތްދޮޅީގަ އަތްވިއްދާލައިގެން

ދޭތެރެއަކުން އަމިއްލައަށް ބޯޖަހާލާ، އިސް ޖަހާލާ ހަދައެވެ. ފާހަގަކުރެވޭ ގޮތުގައި މެޗުގައި ހިނގާ ކަންކަމާމެދު އަމިއްލަ ނަފްސާ ވާހަކަ ދައްކަނީއެވެ. މިއީ ކޯޗު މުޙައްމަދު ޝަރަފް އިރުޝާދު ދެމުން ދިޔަ މެޗުތަކެއްގެ ތެރެއިން އޭނާގެ ހަރަކާތްތައް ބެލުމުން ފާހަގަވާ ކަންކަމެވެ. މިއާ ހިލާފް ވަނީ ތަމްރީން ތަކުގައެވެ. ތަމްރީންތަކުގައިވެސް ހުންނަނީ މަޑުމަޑުންނެވެ. ގިނަ ވަގުތު ޝައުުޤުވެރިކަމާއެކު ތަމްރީންތައް ބެލުމުގައެވެ. ނަމަވެސް ތަމްރީންތަކުގައި ކުޅުންތެރިންނަށް ގިނާން ވާހަކަ ދައްކައެވެ. މެޗުގައި ނީވޭ އަޑުތައް އިވެއެވެ. ވަރަށް ގިނައިން ކުޅުންތެރިން ކައިރިކޮށް އަތް ޖަހާލައެވެ. 

ޝަރަފާއެކު ގިނަ ދުވަހު އެކުގައި މަސައްކަތްކުރި މެނޭޖަރ ޑިލައިޓް އަލީ ލަތީފް ބުނީ ޝަރަފް މެޗުތަކުގައި އަބަދުވެސް ހުންނާނީ އެހެން ކަމަށެވެ.

" އަބަދުވެސް ހުންނާނީ އެހެން. ދެން އުނަގަނޑުގައި ހިފަހައްޓާލަފާނެ، އެވެސް ވަރަށް މަދުން. ވަރަށް އަވަހަށް އިދިކޮޅު ޓީމް ރީޑް ކުރާނެ. އަމިއްލަ ޓީމަށްވެސް ބޮޑަށް އިދިކޮޅު ޓީމަށް ސަމާލުވާނެ. އިދިކޮޅު ޓީމްގެ ކުޅުން ނަގައި ގަންނާނެ " މިހާރުވެސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ އަލީ ލަތީފް ބުންޏެވެ.

ކޯޗު ޝަރަފް ބުނީ ކޮންމެ ކޯޗަކީވެސް ތަފާތު ކޯޗެއްކަމަށާއި، އެކި ކޯޗުން ރިއެކްޓް ކުރާނީވެސް އެކި ގޮތަށް ކަމަށެވެ. އަދި އެކި މީހުންނަށް ކާމިޔާބު ވަނީވެސް އެކިގޮތް ކަމަށެވެ.

img:http://s3.psmnews.mv/images/660x400/14896310185581.jpg|މެޗު ކުޅެމުންދިޔައިރު ޝަރަފް ހަށަން ބަދެލައިގެން

" ސީދާ ކުޅުންތެރިޔާގެ ސިކުނޑިއާ ކުޅޭ މީހެއް އަޅުގަނޑަކީ. އަޅުގަނޑު ޤަބޫލުކުރަނީވެސް އެގޮތަށް. އަޅުގަނޑަށް ކުޅުންތެރިންގެ ސިކުނޑިއާ ކުޅެވޭނީ.  އަޅުގަނޑު ކުޅުންތެރިންގެ ސިކުނޑިއާ ކުޅެން ޖެހޭނީ މެޗުގެ އެވަގުތުއެއްނޫން. ކުޅުންތެރިން ގޮވައިގެން އުޅޭ ގަޑިތަކުގައާއި ޓްރެއިނިންގަ. ޓްރެއިނިންގަ އަޅުގަނޑަކީ އަޑުގަދަ ކޯޗެއް. މެޗުގަ އަޅުގަނޑު އަޑު މަޑުވާނެ. މެޗުގައި އަޅުގަނޑު މަޑުން ބުނާއެތިވެސް ކުޅުންތެރިންނަށް މުޙިއްމުވާނޭ އަޅުގަނޑު ދަންނަވާނީ." އޭނާގެ ސްޓައިލްއާ ގުޅޭގޮތުން ސުވާލުކުރުމުން ޝަރަފް ބުންޏެވެ.

ޝަރަފްގެ އިރުޝާދުގެ ދަށުން ވޮލީ ޓީމް ކުރިމަތިލާން އޮތީ މުޙިއްމު މުބާރާތަކަށެވެ. ފުރަތަމަ ރިހި މެޑަލް ހޯދައިދިން ކޯޗަށް ކުރިމަތީގައި އޮތީ އޭނާގެ ސްޓައިލް އަނެއްކާވެސް ކާމިޔާބުކޮށް ފުރަތަމަ ރަން މެޑަލް ދިވެހި ޤައުމީ ވޮލީ ޓީމަށް ކާމިޔާބުކޮށްދޭ ކޯޗަށް ވުމެވެ. އޭނާގެ ސްޓައިލްގައި އެކަން ކާމިޔާބު ނުވާންވީ ސަބަބެއް ނެތެވެ.