ކުޅިވަރު

ފެންވަރު ރަނގަޅު ފުޓްބޯލް ޓްރެއިނިން ސްކޫލެއް ޤާއިމް ކުރާނަން


މިސަރަހައްދުގައި ނެތް ފެންވަރުގެ ފުޓްބޯލް ޓްރެއިނިން ސްކޫލެއް ޤާއިމް ކުރެއްވުމަށް މަސައްކަތްޕުޅުކުރައްވާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޓީސީއިން ޝެއިޙް ކަމާލް ކަޕުގެ ތަށި ޓީސީ ހޯދުމާ ގުޅިގެން އެ ކާމިޔާބީ ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަކި ތާވަލެއްގެ ތެރެއިން އަމާޒަކަށް ވާސިލްވުމަށް ރައީސްގެ ވިސްނުންފުޅު ބަހައްޓަވާއިރު ޓްރެއިނިން ސްކޫލާއެކުވެސް ރައީސްގެ ވިސްނުންފުޅުހުރީ މިގޮތަށްކަން ރައީސް ހާމަކުރެއްވެވިއެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ޑިވިޜަނަށް އަންނަ ކުޅުންތެރިންނަށް ވަކި ކަންތަކެއް ކޮށްދެއްވާނެކަމަށް އެފް.އޭ.އެމްގައި ދަންނަވާފައިވާނެކަމަށެވެ. އަދި މި ޓްރެއިނިން ސްކޫލަކީ އެގޮތުން ކުރަން ވިސްނަވާކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ޓްރެއިނިން ސްކޫލް ޤާއިމްކުރާތާ ތިން އަހަރުފަހުން ޤައުމީ މުބާރާތެއްގައި އެއްވެސް ކްލަބަކަށް ވާދަކުރެވޭނީ އެ ކްލަބެއްގައި ކަނޑައެޅޭ ވަކި އިންސައްތައެއްގެ ކުޅުންތެރިންނަކީ ޓްރެއިނިން ސްކޫލްގައި ވަކި ގަޑިތަކެއްގައި ތަމްރީން ލިބިފައިވާ ކުޅުންތެރިންނަށް ވާން ޖެހޭނެ ކަމަށެވެ.  ރައީސް ވަނީ ކުޅުންތެރިން ގިނަ ގޮތްތަކަކުން ފެންވަރު ރަނގަޅު ކުރަންޖެހޭނެކަމަށް ވިދާޅުވެ ބައެއް ކަންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އަޙުލާގީ މިންގަނޑެއް ހިފަހައްޓަންޖެހޭނެކަމަށާއި، ކުޅުންތެރިންގެ ހަށިގަނޑުވެސް ކުޅިވަރު ރަނގަޅަށް ކުޅެވޭނެ ގޮތަށް ބިނާކުރަންޖެހޭނެކަމަށް ރައީސް ފާހަގަކުރެއްވެވިއެވެ.

“"އިންޑިވިޖުއަލް ސްކިލްތަށް ބައިވަރު، އެހެންނަމަވެސް މެނޭޖްމެންޓާ، ޓީމްވޯރކާއި، އަދި އެ ސްކިލްސް ހުނަރުވެރިކަމާއެކީ ދަނޑުގައި ޓީމެއްގެ ގޮތުގައި، ދައްކުވައިދިނުމަށްޓަކައި އެތަށް ބައިވަރު ޑިސިޕްލިންތަކެއް އެބަ ބޭނުންވޭ" ރައީސް ވިދާޅުވިއެވެ.

ރައްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 2008ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތައްޓެވެ. އެކަމަކު އޭގެ ފަހުން އަހަރުތަކެއްވެގެންދިޔައިރުވެސް އެ ކާމިޔާބީ ތަކުރާރުވާގޮތް ރާއްޖޭގެ ޓީމަށް ވަނީ ނުވެފައެވެ.

ރައީސް ވިދާޅުވީ އެފް.އޭ.އެމްއާއެކު މަޝްވަރާކުރުމަށްފަހު ތިން އަހަރު ނިމޭއިރު ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދުމަށް އަޒުމެއް އެކުލަވާފައިވާކަމަށެވެ. އަދި އެއަށްފަހު އެ ތައްޓަކީ ރާއްޖޭގައި ހުންނާނެ ތައްޓަކަށް ހަދަން ބޭނުންކަމަށް ރައީސް ވިދާޅުވިއެވެ.