ކުޅިވަރު

ރަން މެޑަލް ހޯދުމަށްފަހު ދެން ފަހަތަށް ޖެހިގެން ނުވާނެ - ރައީސް


ރަން މެޑަލަކަށްފަހު ދެން ޓީސީ ފަހަތަށް ޖެހިގެންނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޓީސީގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ޝައިޙް ކަމާލް އިންޓަރނޭޝަބނަލް ކަޕުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަން ތަށްޓެއް ހޯދުމަށްފަހު ދެން ރިހި މެޑަލެއް ނުވަތަ ބްރޯންޒް މެޑަލެއް ހޯދުމަކީ އައިބުކަމަކަށް ވާނެކަމަށެވެ. އަދި ކާމިޔާބީ ހޯދުމަށްފަހު ޓީމުގެ ސަޕޯޓަރުންވެސް ދެން ބޭނުންވަނީ ހަމަ އެ ކާމިޔާބީ ދެމެހެއްޓުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

" ކާމިޔާބީއެއް ހޯދުމަކީ ފަސޭހަކަމަކަށް ވެދާނެ. ނަމަވެސް އެކާމިޔާބީ ދެމެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން. ރާއްޖެއިން ވާދަކުރާ އެހެން ކުޅިވަރުތަކުންވެސް އެންމެ މަތީ ވަނަ ނޫން އެހެން އަޒުމެއްގައި މުބާރާތާ ކުރިމަތިލައިގެން ނުވާނެ" ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު، ރަން މެޑަލް ހޯދުމަށް ޓީސީއަށް ދެއްވި ޗެލެންޖް އެޓީމުން ކާމިޔާބުކޮށްފިކަމަށެވެ. މިރޭގެ ޖަލްސާގައި ރައީސް ވަނީ ޓީސީއަށް އާ ޗެލެންޖެއް ދެއްވާފައެވެ. ރައީސް ދެއްވި ޗެލެންޖަކީ ޤައުމީ ޓީމުގެ ސްކޮޑުގައި ޓީސީގެ %50 ކުޅުންތެރިން ހިމެނުމަށް ދެއްވި ޗެލެންޖެވެ. ރައީސް ވިދާޅުވީ މި ޗެލެންޖްވެސް ޓީސީއިން ކާމިޔާބު ކުރާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

ރައީސް ވިދާޅުވީ ޓީސީއެކޭ އެއްގޮތަށް އެހެން ޓީމުތަކުގެ ކުޅުންތެރިންވެސް، އެހެން ކުޅިވަރުތަށްވެސް، ވާދަކުރާ ކުޅިވަރަކުން އެންމެ މަތީ ވަނަ ހޯދުން ނޫން އެހެން އަޒުމެއްގައި މުބާރާތާ ކުރިމަތިލައިގެން ނުވާނެ ކަމަށެވެ.

މިހަފްލާގައި ޓީސީއިން ވަނީ ރައީސް ޔާމީންއަށް ރަން މެޑެއްޔެއް އަރުވާފައެވެ.

img:http://s2.psmnews.mv/images/660x400/14896030824283.jpg|ޓީސީގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

މި ޖަލްސާގައި ވާހަފުޅުދައްކަވަމުން ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ ޓީސީ ހޯދި ކާމިޔާބީ ވަނީ ރާއްޖޭގެ ތާރީޚުގެ ތެރެޔަށް ވަދެގެންގޮސްފިކަމަށެވެ. އިރުތިޝާމް ވިދާޅުވީ ޓީސީއިން ހޯދި ކާމިޔާބީއިންވެސް ފެނިގެންދަނީ ރައީސް ޔާމީން ޒުވާނުންނާއި ކުޅިވަރަށް ދެއްވާ އަހަމިއްޔަތުކަމާއި، ކުޅުންތެރިންނަށް ދެއްވި ހިތްވަރުގެ ނަތީޖާކަމަށެވެ.

" މިއިން ދުވަހަކު ނުގެނެވޭ ވަރަށް މިހާރު މިދަނީ މެޑަލް ހޯދަމުން. މިއީ ޒުވާނުން ބާރުވެރި ކުރެއްވުމަށް ރައީސް ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ" މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14896031095467.jpg|ޓީސީގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

މި ޖަލްސާގައި ވާހަކަދައްކަވަމުން ޓީސީގެ އެއް ބާނީ އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ނަޝީދު (ޑޭވް) ވިދާޅުވީ ރަން ތައްޓަކަށްފަހު ދެން ޓީސީއިން ގެންނާނީ އަލިމަހެއްކަމަށެވެ.

ޝެއިޚް ކަމާލް އިންޓަރނޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ޓީސީ ހޯދީ ފައިނަލްގައި ކޮރެއާގެ ޕޮޗެއޯން އެފްސީއާ ވާދަކޮށެވެ. މިއީ ކްލަބް ލެވެލްގައި ރާއްޖޭގެ ކްލަބެއް ބައިނަލްއަޤްވާމީ ތައްޓެއް ހޯދި ފުރަތަމަ ފަހަރެވެ.