ސިއްހަތު

އެޗްވަން އެންވަން ވެކްސިނަށް ވާނީ އޯޑަރ ދީފައި - އޭޑީކޭ


އެޗްވަން އެންވަން އިން ރައްކާތެރިވުމަށް ބޭނުންކުރާ ވެކްސިނަށް އޯޑަރ ދީފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ. އޭޑީކޭ ހޮސްޕިޓަލުން ފުލޫއަށް ޙާއްސަކޮށްގެން ޚިދުމަތް ދެއްވުމަށްޓަކައި ޤާއިމްކޮށްފައިވާ "ހުން އަދި ރޯގާ" ކްލިނިކުގައި މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން އޭޑީކޭ ގްރޫޕްގެ ޗެއަރމަން އަޙްމަދު ނާޝިދު ވިދާޅުވީ ވެކްސިންގެ ފުރަތަމަ ސްޓޮކް އަންނަ ހަފްތާގެ ކުރީކޮޅު ލިބޭވަރު ވާނެކަމަށެވެ.

"ފްލޫއާއި ގުޅިގެން އޭޑީކޭގެ ފަރާތުން ވަނީ ފްލޫ ވެކްސިން އޯޑަރ ދީފައި. އިރާދަކުރެއްވިއްޔާ ހަމަޖެހިފައިވާ ތާވަލުގެ ތެރެއިން ބަހާލައިގެން، ފުރަތަމަ އާދިއްތަ ނޫނީ ހޯމައިގައި އަތަށް އަރާނެ. އެއީ ފަސްހާސް ވައިލް. ދެން އޭގެ ފަހުން ބެޗްތަކަކަށް ބަހާލައިގެން ފަންސާސްހާސް ވައިލް އިންނާނީ ބްލޮކް ކޮށްފައި. ވެކްސިންވެސް އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާގެ ތެރޭގައި ލިބިގެންދާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެހިފައިވަނީ،" އޭޑީކޭ ގްރޫޕްގެ ޗެއަރމަން އަޙްމަދު ނާޝިދު ވިދާޅުވިއެވެ.

ފްލޫ ވެކްސިން ދޭއިރު އެންމެ އިސްކަމެއް ދޭނީ، މާބަނޑުމީހުންނާއި، ކުޑަކުދިންނާއި އުމުރުން ދުވަސް މީހުންގެ އިތުރުން، ބަލީގެ ނުރައްކާ އެންމެ ބޮޑަށް ކުރާނެ ފަރާތްތަކަށް ކަމަށް އޭޑިކޭ ހޮސްޕިޓަލުން ބުނެއެވެ.

އޭޑީކޭއިން ހަދާފައިވާ ފްލޫ ކުލިނިކުން ދޭ ޚިދުމަތްތަކަށް އަގެއް ނުނަގާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި މި ރޯގާގެ ކަންކަން ހަމައަކަށް އެޅެންދެން ފްލޫ ކުލިނިކުން ޚިދުމަތް ދެމުންދާނެކަމަށްވެސް އޭޑީކޭން ބުނެއެވެ.