ޚަބަރު

އަންހެނުން ބާރުވެރިނުކޮށް މުޖުތަމަޢު ކުރިއަކަށް ނާރާނެ - ޒެނީޝާ


މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދީ، އަންހެނުންގެ ހައްޤުތައް ފުރިހަމަށް ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ. 

އެކަމަނާ މިހެން ވިދާޅުވީ، އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ "ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 61 ވަނަ ބައްދަލުވުމުގައި" ވާހަކަފުޅުދައްކަވަމުންނެވެ. 

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒެނީޝާ ވަނީ ދިވެހި ރާއްޖޭގައި އަންހެނުން އެކި ދާއިރާތަކުގައި އަދާކުރަމުންދާ މުހިއްމު ދައުރު ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރެއްވުމުގެ މުހިންމުކަމުގެމައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި މުޖުތަމަޢުގެ އެކިދާއިރާތަކުގައި ޒުންމާދާރުކަމާއެކު މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތުތަކާއި، ބާރުވެރިކަން އަންހެނުންނަށް ނުލިބޭހާހިނދަކު މުޖުތަމަޢު އިސްލާޙުވެ ތަރައްޤީ ޙާޞިލްނުކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ޤައުމުތަކުގެ މެދުގައި، ޖިންސުގެ ހަމަހަމަކަމާއި، އަންހެނުން ބާރުވެރިކުރުމުގެ އިތުރުން، އަންހެނަކަށްވީތީ މުޖުތަމަޢުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް އެކި ޤައުމުތަކުން ކުރަމުންދާ މަސައްކަތްތައް ޙިއްސާކުރުމަށް، ނިއުޔޯކްގައި ހުންނަ އދ.ގެ މައި އިދާރާގައި ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. 

މި މަހުގެ 13 އިން 15 އަށް ކުރިއަށްދާ މިއަހަރުގެ ބައްދަލުވުމުގެ ޝިއާރަކީ، "ބަދަލުވަމުން އަންނަ މަސައްކަތުގެ މާޙައުލުގައި އަންހެނުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުން" އަދި، އަންހެނުންނާއި އަންހެންކުދިންނަށް ހުރި ގޮންޖެހުންތަކާއި ފުރުޞަތުތަކާއި ގުޅިގެން ޤައުމުތަކުން އެއްބަސްވެފައިވާ އެއްބަސްވުންތައް މުރާޖަޢާކުރުންވެސް މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނެއެވެ.