ސިއްހަތު

އިންފުލުއެންޒާއަށް ޕޮޒިޓިވް އިތުރު ކޭސްތަކެއް ފެނިއްޖެ


އިންފުލުއެންޒާއަށް ޕޮޒިޓިވްވި އިތުރު ކޭސްތަކެއް ފެނިފައިވާކަމަށް ޑރ. ޢަބްދު ﷲ ނިޔާފް ވިދާޅުވެއްޖެއެވެ. އިންފުލުއެންޒާއާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑރ.ނިޔާފް މިހެން ވިދާޅުވީ އޭޑީކޭއިން މިއަދު ހުޅުވި ފުލޫ ކުލިނިކަށް ހެލްތް މިނިސްޓަރާއެކު ކުރެއްވި ޒިޔަރަތަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.

މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. ނިޔާފް ވިދާޅުވީ މި ދުވަސްވަރު ކޮންމެ ދުވަހަކުވެސް ކޭސްތައް ފެންނަމުންދާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ކޭސްތައް ފެންނަ މިންވަރު މަދުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. 

"މިގޮތަށް އަންނަ ކޮންމެ އައުޓްބްރޭކެއްގައިވެސް ފުރަތަމަ ދުވަސްކޮޅު އަންނަ ކޭސްތައް ވަރަށް މައްޗަށްދޭ. ދެން މިހެން އެއްލެވެލްއެއްގައި ހިފެހެއްޓިފައި ހުރުމަށްފަހު ދަށަށް ދާންފަށާނެ. މީ ކޮންމެ އައުޓްބްރޭކެއްގައިވެސް ދާ ގޮތް،" ޑރ ނިޔާފް ވިދާޅުވިއެވެ.

އިންފުލުއެންޒާ ފެތުރެންފެށި ފަހުން، މިމަހުގެ ތެރޭގައި މަރުވި 24 އަހަރު ޒުވާނަކު މަރުވުމުގެ ކުރިން ނަގާފައިވާ ސާމްޕަލެއްގެ ޓެސްޓްގެ ނަތީޖާ ލިބުނުއިރު އެޗްވަންއެންވަންއަށް ޕޮޒިޓިވްވެފައިވާކަން ފާހަގަކުރެވިފައިވާކަން އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. އެހެން އެއްވެސް މީހެއްގެ މަރާ، މި ރޯގާއާ ގުޅުންހުރިކަން އެ އޭޖެންސީއަށް ހާމަކުރައްވާފައެއް ނުވެއެވެ. އެޗްވަންއެންވަން އަށް މިހާތަނަށް ޓެސްޓް ކުރި މީހުންގެ ތެރެއިން 82 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.