ޚަބަރު

ޤައުމީ ނިއުސް އެޖެންސީ އުފެއްދުމުގެ މަޝްވަރާތަކެއް ބާއްވަވައިފި


މިހާރު ޤާއިމު ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާ ދިވެހިރާއްޖޭގެ ޤައުމީ ނިއުސް އެޖެންސީ އުފެއްދުމުގެ މަޝްވަރާތައް ޕަބްލިކް ސަރވިސް މީޑިއާއިން އޭޝިއާ ވިޝަން ނިއުސް އެކްސްޗޭންޖް ނެޓްވޯކްގެ އިސްވެރިންނާއެކު ކުރިއަށްގެންދަވައިފިއެވެ.

މިމަޝްވަރާ ކުރިއަށްގެންދެވީ މިހާރު ރާއްޖޭގައި ކުރިއަށްދާ އޭވީއެން ކޯޑިނޭޓަރސް ކޮމެޓީގެ ހަވާސާގައި އޭ.ވީ.އެންގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. އޭ.ވީ.އެންގެ އިސްވެރިންނާއެކު، ޕީ.އެސް.އެމް ރޭޑިއޯ ބިލްޑިންގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލު ވަނީ، ޕަބްލިކް ސަރވިސް މީޑިއާއިން ރާއްޖޭގެ ޤައުމީ އަދި ދައުލަތުގެ މީޑިއާގެ ޙައިޞިއްޔަތުން އަދާކުރާ ދައުރާއި އެ ދައުރު ފުޅާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކާއި ކުރިއެރުންތައް ފާހަގަކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/14895695474525.jpg|ޕީއެސްއެމްގެ އިސްވެރިންނާއި އޭވީއެންގެ އިސްވެރިން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުން / ފޮޓޯ: ޕީއެސްއެމް

ޚާއްސަކޮށް މިޒަމާނުގެ ނިއު މީޑިއާގެ ތެރޭގައި ޕީ.އެސްމެގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު އޭ.ވީ.އެންގެ އިސްވެރިންނާ ޙިއްސާކުރެއްވިއެވެ. އޭޝިއާ ވިޝަންގެ އިސްވެރިންނާއެކު ޕީ.އެސް.އެމުން މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ނޫސް އޭޖެންސީ ޤައިމުކުރެވުމަށް ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުންނެވެ.

ޕީ.އެސް.އެމްގެ ޤާނޫނުގެ ފަންސާސް ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ރާއްޖޭގެ ޚަބަރާއި މައުލޫމާތު ދުނިޔެއަށް ފެތުރުމަށްޓަކައި، އަދި ވިޔަފާރި އުސޫލުން އެފަދަ ބައެއް ޚަބަރާއި މައުލޫމާތު އެކި ފަރާތްތަކަށް ވިއްކުމަށްޓަކައި ރާއްޖޭގެ ޤައުމީ ނިއުސް އެޖެންސީއެއް އުފައްދަން ޖެހެއެވެ. 

މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، އެ އެޖެންސީ އުފެއްދުމާއެކު ޕީ.އެސް.އެމްގެ ކޮންޓެންޓް ބައިނަލްއަޤްވާމީ މުޖުތަމައާ ޙިއްޞާ ކުރުން އިތުރުވެގެންދާނެކަމަށެވެ. މިބައްދަލުކުރެއްވުމުގައި އޭ.ވީ.އެންގެ ޑިރެކްޓަރ އޮފް ނިއުސް ޗާއިލް ވަނީ އޭވީ.އެގައ ހިމެނޭ 32 ގައުމުން އޭވީއެންގައި ޙީއްޞާ ކުރާ ހުރިހާ ކޮންޓެންޓެއް ޕީ.އެސް.އެމުން ގާއިމްކުރާ ދިވެހިރާއްޖޭގެ ގައުމީ ނިއުސް އެޖެންސީއާ ހިއްސާކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ޕީ.އެސް.އެމްއިން ޤާއިމްކުރާ ގައުމީ ނިއުސް އެޖެންސީގެ ހުރިހާ ޚަބަރުތައް އޭޝިޔާ ވިޝަންގައި ހިމެނޭ ނެޓްވޯކް މެދުވެރިކޮށް ދުނިޔެއަށް ފެތުރުމުގެ މަގުފަހިކޮށްދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14895695715862.jpg|ޕީއެސްއެމްގެ އިސްވެރިންނާއި އޭވީއެންގެ އިސްވެރިން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މީގެއިތުރުން އޭ.ވީ.އެންއާއެކު ބޭއްވި ބައްދަލުވުމުގައި ޕީ.އެސް.އެމްގެ މުވައްޒަފުން ތަމްރީނުކުރެއްވުމަށް އޭ.ވީއެންގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯއްދެވުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ. އަދި އެކަމަށް އޭ.ވީ.އެންގެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ޕީ.އެސް.އެމް އަށް ދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، އޭ.ވީ.އެންގެ އިސްވެރިންނާއި، ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ކަމުގައިވާ މުޙައްމަދު އިކްރާމް އަބްދުއްލަތީފާއި، އައިމިނަތު ޝާޔަން ޝާހިދުވެސް ބައިވެރިވިއެވެ.

އޭޝިއާ ވިޝަން ނިއުސް އެކްސްޗޭންޖް ނެޓްވޯކް "އޭ.ވީ.އެން" އަކީ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫގެ މެންބަރު ޤައުމުތަކުގައި ހިނގާ މުހިންމު ކަންކަމުގެ ޚަބަރާ ވީޑިއޯ ޙިއްޞާ ކުރުމަށްޓަކައި 1984 ގައި ޤާއިމުކުރި ނެޓްވޯކެކެވެ.